ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖުޑީޝަރީއަށް ޚާއްޞަކޮށްގެން ބަންދު ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ޝަރީޢަތް ނިމެންދެން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމެވެ.
ފޯރަމްގެ ފުރަތަމަ ބައި ކުރިއަށް ގެންދިޔައީ މި މަހުގެ 1 ވަނަ ދުވަހު ޖުޑީޝަރީ ފިޔަވައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާއެކުގައެވެ. ޖުޑީޝަރީއަށް ޚާއްޞަކޮށްގެން ބޭއްވި ފޯރަމްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ ޤާޟީންނާއި ކޯޓުތަކުގެ މެޖިސްޓްރޭޓުން ހިމެނޭގޮތުން 60 އަށްވުރެ ގިނަ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފޯރަމްގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ކޯޓުތަކުގައި ތާވަލުކުރެވޭ އަޑުއެހުންތައް ކެންސަލްކުރުން މަދުކުރުމަށްޓަކައި ސެންޓްރަލައިޒްޑް ޝެޑިއުލިންގ ނިޒާމެއް ޤާއިމުކުރުމާއި، މައްސަލަތަކުގެ ޢިބްތިދާއީ އަޑުއެހުންތައް މަދުކުރުމަށްޓަކައި ޝަރީޢަތުގެ ބޭރުން އިދާރީ ގޮތުން ކުރެވެންހުރި ކަންކަން ކުރިއަށްގެންދިއުން ހިމެނެއެވެ. މީގެ އިތުރުން، ހެކިން ކޯޓަށް ޙާޟިރުކުރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމާއި، ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން ޝަރުޠުހަމަވާ މީހުން މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުން ދޫކޮށްލުމާ ގުޅޭ ޤާނޫނީ މަޝްވަރާ ކުރެވުނެވެ.
ފަނޑިޔާރުންގެ ފަރާތުން މައްސަލަތަކުގެ ޝަރީޢަތް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރެވުނެވެ. އެގޮތުން އެކަށީގެންވާ އިންސާނީ ވަޞީލަތް ނުލިބުމާއި، ކޯޓުތަކަށް ބޭނުންވާ ޢިމާރާތާއި ވަސީލަތްތައް ނުލިބޭ މައްސަލަ ތަކުރާރުކޮށް ފާހަގަކުރެވުނެވެ.
މި ފޯރަމްގައި ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އާދަމާއި އެ ކޮމިޝަންގެ މެންބަރުންނާއި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފޯރަމަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށްޓަކައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ މެދުގައި އޮންނަ އޮތޯރިޓީގެ ޙައިޞިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކޮށްދެވެންހުރި ކަންކަން ދެނެގަތުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
ފޯރަމްގައި އިތުރަށް މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާކުރުމާއި، މައްސަލަތަކުގެ ލިޔުންތައް ޙިއްޞާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، މައްސަލަތަކުގެ ޝަރީޢަތްތައް މިހާރަށްވުރެ އަވަސްކުރުމަށް ނިޒާމަށް ގެނެވެންހުރި ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ފޯރަމަކީ ޖުޑީޝަރީގެ މަސައްކަތްތައް އަވަސްކޮށް، ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. ޚާއްޞަކޮށް ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް އަވަސްކުރުމަށާއި، ކޯޓުތަކުގެ މަސައްކަތްތައް ހަލުވިކުރުމަށް މި ފޯރަމުން ލިބުނު މަޢުލޫމާތާއި ޚިޔާލުތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދުކުރެވެއެވެ.

