ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ”އަހާ“ ގެ ނަމުގައި ބާއްވާ އާން މުފޯރަމްތަކުގެ ސިލްސިލާ ފޯރަމެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ ފޯރަމެކެވެ.
މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތިއްބަވާނީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރޢާއިޝަތު ޝިހާމް، އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުއެވެ.
މިފޯރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުންޖަވާބު ދެއްވުމަށް ފުރުޞަތު ހުޅުވާލާނެއެވެ. މިކަމަކީ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެއްކަން ސަރުކާރުން ފާހަގަކުރެއެވެ.
މި ފޯރަމަކީ އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމް މިރޭ އޮންނާނީ 9 ޖަހާއިރުއެވެ.

