ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްގެން ހިންގަމުން އައި އައިސްޕްލާންޓުތައް ހިންގުން މިފްކޯގެ ދަށަށް ބަދަލުކޮށްފިއެވެ.
މި ބަދަލު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.
މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން 14 އައިސްޕްލާންޓެއް ވަނީ އެ ކުންފުނީގެ ދަށަށް ގެނެސްފައެވެ.
މީގެ އިތުރުން، އައިސްޕްލާންޓުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ފުރިހަމަ އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މިފްކޯއިން ކުރަމުންދާކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި ބަދަލާއެކު މިފްކޯގެ ޚިދުމަތްތައްވެސް އިތުރަށް ފުޅާވެގެންދާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ކުންފުނީގެ މަސައްކަތްތައް ފުޅާ ކުރުމަށް އެއްބާރުލުންދޭ ފަރާތްތަކަށްވެސް މިފްކޯއިން ވަނީ ޝުކުރުއަދާކޮށްފައެވެ.
ރަށްރަށުގައި ޤާއިމުކުރެވިފައިވާ އައިސްޕްލާންޓުތަކުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަވައިދެއްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމްވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސްގެ އަމާޒަކީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެއްވުން ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. އޮޑިވެރިންނާއި މަސްވެރިންގެ ޖީބުތަކަށް ބަރުވާ ގޮތަށް ހުރި ކަންކަމަށް ހައްލު ހޯދާ ދެވުމުން މަސްވެރިންގެ އާމްދަނީއަށް އެތައް ގުނައެއް އިތުރު ކުރެވިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

