އެމެރިކާގައި ޓިކްޓޮކް ބޭންކުރުން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު މަޑުޖައްސާލުމާއި ގުޅިގެން އަނެއްކާ އެ ސަރަހައްދުގެ އެޕްސްޓޯރުން ޑައުންލޯޑު ކުރެވޭކަމަށް ނޫސްތަކުން ބުނެފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ޓިކްޓޮކް ބޭންކުރުން ތަންފީޒުކުރުން ޑޮނަލްޑް ޓްރަމްޕު މަޑުޖައްސާލާފައިވާކަމަށެވެ. ޗައިނާގެ ބައިޓްޑާންސްއިން އޮޕަރޭޓްކުރާ ޓިކްޓޮކް އެ ގައުމުން ބޭންކުރީ ޖެނުއަރީ 18 ވަނަ ދުވަހުގައިކަމަށްވާއިރު އެ ކުންފުނީގެ މައްޗަށް ޝަރުތުކުރީ އެމެރިކާގެ ކުންފުންޏަކަށް ހިއްސާތައް ވިއްކާލުން ނުވަތަ ބޭންކުރެވިގެންދިއުމަށްކަން ފާހަގަކުރެވެއެވެ.
ގޫގުލްގެ އެޕްސްޓޯއިން ޓިކްޓޮކް ނަގާލާފައިވުމާއިމެދު ސުވާލުކުރުމުން އެ ކުންފުނީގެ މަންދޫބުން ވަކި ޖަވާބެއް ދީފައިނުވެއެވެ. 170 މިލިއަން ވަރަކަށް އެމެރިކާގެ ރައްޔިތުން ބޭނުންކުރާ އެޕްލިކޭޝަން އެމެރިކާގެ އެޕްސްޓޯތަކުން ނުފެނި ދިޔައީ އެއް ދުވަހަށްވުރެ ކުރު މުއްދަތަކަށް ކަމަށްވާއިރު އަލުން ފެންނަ ގޮތް ހަދާފައިވަނީ ޓްރަމްޕުގެ ފަރާތުން ލިބުނު އިޝާރާތްތަކަކާއި ގުޅިގެންކަން ފާހަގަކުރެވެއެވެ. ޓްރަމްޕުވަނީ ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހުގައި ބޭންކުރުން އެޕްރިލް 5 ވަނަ ދުވަހުގެ ނިޔަލަށް މަޑުޖައްސާލުމަށް ނިންމާފައެވެ.
ޓިކްޓޮކަށް އެމެރިކާގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވަނީ އެމެރިކާގެ ސަރުކާރުން އެ އެޕްލިކޭޝަނަކީ ޗައިނާގެ އެއްޗެއްކަމަށް ބުނަމުން އައުމާއެކުއެވެ. އެގޮތުން އެތަކެއް ސަތޭކަ އެމެރިކާ ރައްޔިތެއްގެ މައުލޫމާތުތައް ޗައިނާއަށް ލިބިގެންދިއުމުގެ ފުރުސަތު އޮތްކަމަށް ބުނަމުން އަންނަކަން ފެނިގެންދެއެވެ. ނަމަވެސް ޓިކްޓޮކްއިންވަނީ ޗައިނާގެ ސަރުކާރުގެ އެދުމަށް އެޕްލިކޭޝަނުން އެއްކުރާ މައުލޫމާތު ހިއްސާކުރާކަމުގެ ތުހުމަތު ދޮގުކޮށްފައެވެ.
ޓްރަމްޕު މީގެ ކުރިން ވެރިކަމަށް ވަޑައިގެންނެވިއިރު ޓިކްޓޮކް ބޭންކުރުމަށް ތާއީދުކުރިނަމަވެސް މި ދައުރުގައި އެކަމަށް ތާއީދު ނުކުރާކަން ފާހަގަކުރެވެއެވެ. ޓްރަމްޕު ވިދާޅުވާގޮތުން ޓިކްޓޮކްގެ ހިއްސާތަކުގެ އެއްބައި އެމެރިކާއަށް ވިއްކާލުމުގެ ފުރުސަތު އޮވެއެވެ.

