ރަޝިއާއާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމާ ގުޅޭގޮތުން ރަޝިއާއާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަން ފެށުމާއެކު ޔޫރަޕްގެ ޤައުމުތަކުގެ ލީޑަރުން ކުއްލި ސަމިޓެއް ބާއްވަން ނިންމައިފިއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންނަ ހަފްތާގައި މި ސަމިޓް ކުރިއަށްދާނެއެވެ. މިއީ ރަޝިއާ ޔޫކްރޭނުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކުއްލި ސަމިޓެކެވެ. ވަކިން ޚާއްސަކޮށް އެމެރިކާއިން ރަޝިއާއާއެކު މި މައްސަލައިގައި މުއާމަލާތުކުރަން ފެށުމަކީ ޔޫރަޕްގެ ވެރިންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ކަމެއްކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ދާދި ފަހުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ފޯނުން ގުޅުއްވައި ހަނގުރާމައިގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، އެމެރިކާގެ ޑިފެންސް ސެކެޓްރީ މާކޯ ރުބިއޯވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިއާގެ އޮފިޝަލުންނާއެކު ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީއަރަބިއާގައެވެ.
މީގެ ތެރެއިން އެއްވެސް ބައްދަލުވުމަށް ދައުވަތު ލިބިވަޑައިގެންފައިނުވާ ކަމަށާއި، ވަކިން ޚާއްސަކޮށް އެމެރިކާއާއި ރަޝިއާ ގުޅިގެން ކުރާ އެއްވެސް މަޝްވަރާއެއްގައި ޔޫކްރޭނުން ބައިވެރިނުވާނެކަމަށް ޔޫކްރޭންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
މި ހަފްތާގެ ތެރޭގައި އެމެރިކާއިން ވަނީ ކަންކަން ބަދަލުވެފައިވާކަން ޔޫރަޕްގެ ޤައުމުތަކަށް އަންގާފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއިރް ސްޓާމަރ ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ. އަދި މިއީ ޤައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ވަނީ ނޭޓޯގެ ޤައުމުތަކުން މިކަމުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

