ރާއްޖެ – ޗައިނާ ފްރީ ޓްރޭޑު އެގްރިމަންޓަށް އަމަލު ކުރަން ފެށިފަހުން މި އަހަރުގެ ފުރަތަމަ މަހުގައި ދައުލަތަށް ލިބުނު އާމްދަނީއާއި އެކު އިމްޕޯޓު ޑިއުޓީ އާމްދަނީ ދަށަށް ގޮސްފައިވާކަމަށް ބުނެ އަމާޒު ކުރާ ފާޑުކިއުންތަކަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.
ޗައިނާއާއި ރާއްޖޭގެ ފްރީ ޓްރޭޑު އެގްރިމަންޓަށް އަމަލު ކުރަން ފެށިފަހުން އިމްޕޯޓު ޑިއުޓީއަށް އޭގެ އަސަރުތައް ކުރަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔާފައިވެއެވެ. އަދި އެ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ސައީދު ވިދާޅުވީ ޖެނުއަރީ މަހު އެފްޓީއޭއަށް އަމަލު ކުރަން ފެށިފަހުން އިމްޕޯޓު ޑިއުޓީން ގެއްލިފައި ވަނީ އެންމެ އިންސައްތައެއްކަމަށެވެ. ސައީދު ވިދާޅުވީ އިމްޕޯޓު ޑިއުޓީން ލިބުނު ޖުމްލަ އާމްދަނީ ދަށްވުމާއި އެފްޓީއޭއާއި ގުޅުމެއް ނެތްކަމަށެވެ.
ސައީދު ވިދާޅުވީ ޗައިނާއިން އެއް ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރާއިރު ޑިއުޓީން ބައެއް އުނިވި ނަމަވެސް ވިޔަފާރިތަކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެކަމަށެވެ. އެފްޓީއޭއާއި އެކު އެ އަދަދުތައް ސުން އިންސައްތައަށް ގެނެސްފައިވާކަން ފާހަގަކޮށް މިސާލެއްގެ ގޮތުގައި ސައީދު ދެއްކެވީ ގެސްޓްހައުސްއެއް އިމާރާތް ކުރުމަށް ބޭނުންވާ މުދާ ޗައިނާއިން ގެނައުމުން ޑިއުޓީ ފްރީވުމެވެ.
އެފްޓީއޭއާ މިއަކާ އެއްވެސް ގުޅުމެއް ނެތް.. އަދި މިއައި ޑްރޮޕްގެ ޑިކްލައިންގެ ގުޅުމެއް ވެސް އެއަކާ ނެތް..
ބައެއް އިތުރު ތަފްސީލުތައް ދެއްވައި ސައީދު ވިދާޅުވީ 34 މިލިއަން ރުފިޔާގެ މުދަލުން ޑިއުޓީ މައާފުވެފައި ވަނީ 2.3 މިލިއަން ރުފިޔާކަމަށެވެ. އަދި މިއީ މުދަލުގެ ސީއައިއެފްއިން ބަލާއިރު އެންމެ އިންސައްތައެއްކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ ރާއްޖެއަކީ ވަރަށް ބޮޑަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއްކަމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ފައިސާ ބޮޑުވާނީ ބޮޑެތި ރޭޓުތަކުގައި ޑިއުޓީ ނެގުމުގެ ބަދަލުގައި ވިޔަފާރިވެރިންނަށް ފަސޭހަކޮށް މުދާ ބޭރުކޮށް އެތެރެ ކުރުމުގެ މަގު ތަނަވަސްވެގެން ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ ފުރުސަތެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު ބާޒާރުކަމުގައި ވެސް ވިދާޅުވި އެވެ.
މި އެއްބަސްވުމާއި އެކު ޓްރެޑިޝަނަލް މާކެޓުތައް ގެއްލޭނެކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޓްރާންޝިނަލް މާކެޓުތަކުގެ ގޮތުގައި ހުރީ އަވައްޓެރި ގައުމުތަކުގެ އިތުރުން ޔޫއޭއީ ފަދަ ގައުމުތައްކަމަށެވެ. މިއާއި އެކު އިންޑިއާއާއި އެކު ވެސް އެފްޓީއޭ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ސައީދު ފާހަގަކުރެއްވި އެވެ.

