ޑޮލަރު ވިއްކުމުގެ ލައިސަންސަށް އެދި 98 ފަރާތަކުން ހުށައަޅާފައިވާކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
ލައިސަންސަށް ޝަރުތުވުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ވަގުތު ހޭދަވާކަމަށް ފާހަގަކޮށް އެމްއެމްއިން ބުނީ އެހެން ނަމަވެސް މި ޕްރޮސެސް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށެވެ.
މީގެ ކުރިން އެމްއެމްއޭ އިން ވަނީ 212 ވިޔަފާރިއަކަށް މަނީ ޗޭންޖް ވިޔަފާރީގެ ހުއްދަދީފައެވެ.
އަލަށް އަމަލުކުރަން ފެށި މަނީ ޗޭންޖިން ވިޔަފާރީގެ ގަވާއިދުގެ ދަށުން މުއްދަތު ހަމަވި ނަމަވެސް، ލައިސަންސަށް އެދި ހުށަނާޅާތީ ކުރިން ދީފައި ހުރި 163 ލައިސަންސެއް އެމްއެމްއޭއިން ބާތިލުކުރިއެވެ.
ރާއްޖޭގެ އިގްތިދަށް ދިމާވި ދަތިތަކާއި އެކު އެންމެ ބޮޑު ގޮންޖެހުމަކަށް އައީ ޑޮލަރުގެ ތާށިކަމެވެ. ޒަމާންތަކެއް ވަންދެން އުފެދިފައި އޮތް ޑޮލަރުގެ ކަޅު ބާޒާރު ހައްލު ނުވާ އެންމެ ބޮޑު ސަބަބެއްކަމަށް ގިނަ ބަޔަކު ދެކެނީ ރާއްޖެއަށް ޑޮލަރުގެ އާމްދަނީ ލިބޭ އަދަދާއި އެއްވަރަށް ވެސް އެ ފައިސާ އިގްތިސާދުގައި ދައުރު ނުވުމެވެ.
މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ބޮޑެތި އެތައް ފިޔަވަޅެއް އެޅިއިރު، ވިޔަފާރިތަކުން ޑޮލަރުން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް މާރު ކުރުން ލާޒިމްކޮށް ގެނައި ބޭރު ފައިސާއާއި ބެހޭ ގާނޫނު ފާހަގަކޮށްލެވެއެވެ. މިއީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާއާބެހޭ މުޢާމަލާތްތަކާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވައިލުމަށްޓަކައި ފަރުމާކުރި ގާނޫނީ އޮނިގަނޑެކެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅައި މި ބިލު ފާސްކޮށްފައި ވަނީ، ފަތުރުވެރިކަމުގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއި ބައްދަލުކޮށް ހުށަހެޅި ހިޔާލާއި މަޝްވަރާތަކަށް ބަލައި ޑޮލަރު މާރު ކުރުމަށް އިތުރު އިހުތިޔާރެއްވެސް ހިމަނައިގެންނެވެ.
އެގޮތުން މައިގަނޑު ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެއީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި، ރިސޯޓަކުގައި މާލީ ދަތިކަމެއް ހުރިނަމަ، އާމްދަނީގެ 20 ޕަސެންޓަށް ވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދިނުމެވެ. ނަމަވެސް އެ ލުއި ދެވޭނީ އެކަން އެމްއެމްއޭއަށް ސާބިތުކޮށްދިނުމުން ކަމަށް ގާނޫނު ބުނެއެވެ.
މީގެއިތުރުން ކެޓެގަރީ ބީ ގައި ހިމެނޭ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއިން މާރުކުރަން ޖެހެއެވެ. އަދި މިކަމުގެ ބަދަލުގައި އިޚްތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެކަމަށެވެ.

