1446 ވަނަ އަހަރު ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުންދޭ މަސްދަޅު ކޭސް ދޫކުރާ ގަޑިތަކަށް ބަދަލު އައިސްފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
މި މަސްދަޅު ކޭސްތައް 20 ފެބްރުއަރީ 2025 ން ފެށިގެން 27 ފެބްރުއަރީ 2025 ގެ ނިޔަލަށް ބެހުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ކުރިން 20 ފެބްރުއަރީވާ ބުރާސްފަތި ދުވަހުގެ 2:30ގައި ފަށަން ރޭވިފަވާ ހަރަކާތް މިހާރުވަނީ މިރޭގެ 8:30ގައި ފަށަން ބަދަލުކުރެވިފައެވެ. އަދި ބަހަން ނިންމިފާވާ ސަރަހައްދު ތަކަށްވެސްވަނީ ބަދަލު ގެނެވިފައެވެ.
އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިވަނީއެވެ.
- 20 ފެބްރުއަރީ 2025- 20:30 އިން 23:00 އަށް
- 21 ފެބްރުއަރީ 2025- ބަންދު
- 22 ފެބްރުއަރީ 2025- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
- 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
މިވަގުތު މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތައް:
- މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
• ވިލިމާލޭގައި: ވެމްކޯ ސައިޓް
• ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
• ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު
މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

