މަސްދަޅު ކޭސް ބެހުމަށް ޓޯކަން ނިޒާމެއް ހަމަޖެހިގެންދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ހޮނިހިރު ދުވަހުން ފެށިގެން މި މަސައްކަތުގައި ބައެއް ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވާތީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ދެން ކުރިއަށްދާނީ ރޭގަނޑުގެ ވަގުތުގައެވެ.
މީގެ އިތުރުން، ކިޔޫގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން މަސްދަޅު ކޭސް ލިބިގެންދާނެއެވެ.
މިހާރުވެސް އިއުލާނުކޮށްފައިވާ ގޮތަށް މަސްދަޅު ކޭސް ބަލައިދާއިރު، އެމީހެއްގެ އައިޑީކާޑާއި، އެއްމަހުގެ ކަރަންޓު ބިލު ގެންނަން ޖެހެއެވެ. އަދި އެކަކަށް އެންމެ ގިނައިން ދޫކުރަނީ 3 މަސްދަޅު ކޭހެވެ.
މިހާރު މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވަނީ މިފްކޯ ކޮމްޕްލެކްސް، އެމްޓީސީސީ ސޯމިލް، ހެންވޭރު ދަނޑު، ގަލޮޅު ދަނޑު (ސެޓަޕް 1،2،3،4)، ސޯޝަލް ސެންޓަރ، ވިލިމާލެ ވެމްކޯ ސައިޓް، ހުޅުމާލެ އުމަރު ޒާހިރު ބިލްޑިންގ، ހުޅުމާލެ ޕޮލްކޯ ޓަވަރ (ސީބްލޮކް)، ހުޅުމާލެ ހިޔާ ޓަވަރު 10، އަދި ހުޅުމާލެ ކާމިލްދީދީ ޕްރީސްކޫލް އިންނެވެ. އެގޮތުން މި ސަރަޙައްދުތަކުން މަސްދަޅު ކޭސް ދޫކުރާނީ ރޭގަނޑު 08:00ން ރޭގަނޑު 12:00 އަށެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރުން ފުރިހަމަ ކުރެވެންދެން މި މަސައްކަތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، އެއްވެސް ދަތިކަމެއް ވާ ފަރާތެއްވާނަމަ، މަރުކަޒަށް ވަޑައިގަތުމުން އެ ތަނުގައި ތިބޭ މުވައްޒަފުން އެހީތެރިވެދޭނެކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިއުން ކަމަށާއި، މި މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ގާތުން ބަލަމުންދާނެކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

