ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން ވަކި ކުރާ ބިލަށް ވޯޓަށް އެހުމަށް ތައްޔާރުވަމުން ދަނިކޮށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ވޯޓުގައި ބައިވެރި ނުވެ ތަޅުމުން ނިކުމެވަޑައިގެންފިއެވެ.
މިއީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހެކެވެ.
މި އިސްލާހު ފާސްވީ 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލާ ދެކޮޅަށް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.
އަޒާން ވަނީ މި ބިލަށް ވޯޓަށް އަހަމުން ދަނިކޮށް ތަޅުން ދޫކުރައްވާފަ އެވެ. އޭގެ ކުރިން އިއްޔެގެ ޖަލްސާއަށް ވެސް ވޯޓަށް އެހި ގަޑީ އަޒާން ހާޒިރުވެފައި ނުވެއެވެ. މައްސަލައިގައި އަޒާން ޕީއެންސީގެ ޕީޖީ ގުރޫޕުތަކުން ބޭރުވެސްކޮށްފައިވާކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

