ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެގޮތުން އެ ގޮތަށް ނިންމީ އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުންނެވެ.
އެކަން ޖޭއެސްސީންވެސް ވަނީ ”ސަންގަށް“ ކަށަވަރު ކޮށްދެއްވާފައެވެ.
ފަނޑިޔާރުން ސަސްޕެންޑްކޮށްފައި މިވަނީ ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ބާތިލު ކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކި ކުރުމުން ނުވަތަ އަމިއްލަ މެމްބަރަކު ޕާޓީއަކަށް ގުޅިވަޑައިގެންނެވުމުން ގޮނޑި ގެއްލޭގޮތަށް ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް އިސްލާޙު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.
މި ބިލުގެ މަސައްކަތް 20 ނޮވެމްބަރު 2024 ގައި މަޖިލީހުގައި ފަށައި، ކޮމިޓީން ނިންމި ގޮތަށް އިސްލާހު ފާސްކުރީ ހަމަ އެ ދުވަހުގެ ހަވީރު ބޭއްވި ޖަލްސާގައެވެ. ހަމަ އެ ދުވަހު ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ބިލު ތަސްދީޤުވެސް ކުރައްވާފައެވެ.
އެއަށްފަހު ދެން ފެނިގެން ދިޔައީ މި އިސްލާޙު ބާތިލުކުރުމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވިތަނެވެ.
އެ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރުމަށް މަޖިލީހަށް އިސްލާޙެއް ހުށަހެޅި އެ އިސްލާޙުވެސް މިހާރު ވަނީ ފާސްކޮށްފައެވެ.

