ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންކަމަށްވާ މަހާޒް އަލީ ޒާހިރު، ހުސްނުއްސުއޫދު އަދި އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރީ ޖިނާއީ ތަހުގީގަކާ ގުޅިގެންކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފައިވާކަން ޖޭއެސްސީން ސުޕްރީމް ކޯޓަށް އަންގާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން ”ސަންގަށް“ ކަށަވަރު ކުރެވިފައިވާ ގޮތުގައި ޖޭއެސްސީން ސުޕްރީމް ކޯޓަށް އަންގާފައިވަނީ އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖޭއެސްސީއަށް އަންގާފައިވާ ކަމަށެވެ.
ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ”ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ، ނުވަތަ ތަހުގީގީ އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފިކަން ޖޭއެސްސީއަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެ މައްސަލައެއް ޝަރީއަތަށް ހުށަހެޅިއްޖެނަމަ ނުވަތަ ސާބިތުވެއްޖެނަމަ އެ ފަނޑިޔާރަކު މަޤާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުކުރުމާމެދު އަމަލުކުރާނެ ގޮތެއް 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ނިންމަންވާނެ“ ކަމަށް ބަޔާންކޮށްފައިވާކަމަށް ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.
އެކަންކަމަށް ރިއާޔަތްކޮށް އެ 3 ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަޤާމުން މިއަދުން ފެށިގެން ވަގުތީ ގޮތުން ދުރުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓަށް މި ސިޓީ ފޮނުއްވެވީ ކޮމިޝަނުގެ ރައީސް ހުސައިން ރިޒާ އާދަމްއެވެ.
އެކަމާ ގުޅޭގޮތުން ޖޭއެސްސީން ބުނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މި ކޮމިޝަނަށް ސިޓީއަކުން ދަންނަވާފައިވާތީ، އެ ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަސައްކަތުން މިއަދުން ފެށިގެން ވަގުތީގޮތުން ދުރުކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 04 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

