މި އަހަރުގެ ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގު އުފުލިޔަ ނުދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންސްޕެކްޝަންގެ މަސައްކަތްތަކަށް ހާއްސަ ޕޯޓަލްއެއް ލޯންޗުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެ ރޭ ކުރިޔަށް ގެންދިޔަ ހާއްސަ ޕެނަލްގައި ލޯންޗު ކުރި މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއްތަނަކުން ފޯރުކޮށްދެވޭނެ އެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހު ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބައެއް ކާބޯތަކެތީގެ އަގުތައް އުފުލި، ބައެއް މުދާތައް ލިބުމުގައި ދަތިތައް ދިމާވެއެވެ. އެހެންވެ ސަރުކާރުން ކާބޯތަކެތީގެ ސިޔާސަތެއް އެކުލަވާލައި ވަނީ، އަގުތައް އުފުލިޔަ ނުދިނުމަށް ފިޔަވަޅު އަޅާފައެވެ. މި މަސައްކަތުގެ ތެރެއިން އަގުތައް އުފުލޭ ހާލަތެއްގައި އެ މައްސަލައެއް ވަގުތުން ހައްލު ކުރެވިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެގޮތުން ރޭ ލޯންޗު ކުރި ޕޯޓަލް މެދުވެރިކޮށް އަގުތައް ފެންނަން ހުންނާނީ އިންސްޕެކްޝަން ޓީމުތަކުން ބާޒާރުތަކުން އެއްކުރާ މައުލޫމާތުތަކެވެ.
މި ޕޯޓަލްއާއި ގުޅޭގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކާބޯތަކެތީގެ އަގު މިދިޔަ އަހަރު ވެސް އެއްވަރެއްގައި ހިފަހައްޓައި ސަރުކާރުން މި އަހަރު އަމާޒު ހިފީ އިތުރު ސިޔާސަތުތަކެއްގެ ދަށުން އެކަން ގާތުން ބެލުމަށްކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ބާޒާރުގައި ކާބޯތަކެތީގެ ވަކި ބާވަތެއް މަދުކަމަށް ނުވަތަ ލިބުން ދަތިކަމަށް ފާހަގަކުރެވޭ ހާލަތެއްގައި އެސްޓީއޯ މެދުވެރިކޮށް އެ މުދަލެއް ރާއްޖެ އެތެރެ ކުރެވޭނެކަމަށެވެ. އެހެންކަމުން އަލަށް އިފްތިތާހު ކުރި އެޕްލިކޭޝަނުގައި ފެންނަން ހުންނާނީ ސައީދު ވިދާޅުވި ގޮތުގައި ފިހާރަތަކުން މުދާތައް ލިބެން ހުރި އަގުތަކެވެ.
މި އެޕްލިކޭޝަނުގައި އަތޮޅު ތެރޭގެ ބައެއް ތަށްތަކުގައި މުދާ ލިބެން ހުރި އަގުތައް ވެސް ހިމެނުމުގެ މަސައްކަތް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

