މާލޭގެ 4 ސަރަހައްދެއްގެ ޓްރެފިކަށް މި ރަމަޟާން މަހު ބަދަލުތަކެއް ގެންނަން ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ރަމަޟާން މަހަށް ހާއްސަކޮށްގެން ބާޒާރުމަތީ ޓްރެފިކްގެ މައްސަލަތަކަށް ހައްލު ގެނައުމަށްޓަކައި އަމަލީ އޮޕަރޭޝަންތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކުރަމުން އައި މަސައްކަތްތަކަކީ ރަމަޟާން މަހާއި ގުޅިގެން ޕާކިންގެ ޖާގަ ހުސްކުރުމަށްޓަކައި މާލޭގެ ގިނަ ދުވަސްވީ ވެހިކަލްތައް ނެގުމާއި ޓްރެފިކްނިޝާންތައް ނެތް މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަަސައްކަތްތައް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން މިހާތަނަށް 433 ދެފުރޮޅުލީ އުޅަނދަށްވުރެ ގިނަ އުޅަނދު މާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި 33 ހަތަރު ފުރޮޅުލީ އުޅަނދުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ. މިކަންކަން ކުރުމުގެ ބޭނުމަކީ ރަމަޟާންމަހަށް ހުރިހާ އެންމެންނަށްވެސް ޕާކު ކުރާނެ ޖާގަ ލިބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މުވައްސަސާއިން ބުނެފައިވަނީ މި އުޅަނދުތައް ނަގާފައިވާ ގިނަ ތަންތަނަކީ ބާޒާރުމައްޗާއި، މާލޭގެ ބޮޑެތި މިސްކިތްތަކާއި، މަގުތައް ހިމެނޭ ސަރަހައްދުު ކަމަށެވެ. އަދި އެކި އިދާރާ ތަކާއި ގުޅިގެން މާލގެ މަގުމަތީގެ ތްރެފިކް ނިޝާންތައް ކުރަހާ މަގުމަތީގައި އަމަލު ކުރަންވީ ގޮތް އެ ނިޝާންތަކުން ދެއްކުންމަށްޓަކައި މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ހިދުމަތުން ބުނެފައިވަނީ ޓްރެފިކުގެ ކަންކަމާއި ގުޅިގެން ބަލާލައިފައިވާނީ މައިގަނޑު ފަސް ދާއިރާއަކަށް ކަމަށެވެ.
އެގޮތުން:
- ބާޒާރުމަތީގެ ޓްރެފިކް
- މިސްކިތްތަކުގެ ޓްރެފިކް
- ބޮޑެތި މަގުތަކުގެ ޓްރެފިކް
- ބްރިޖް އެންޑް ހައިވޭގެ ޓްރެފިކް
- ޓްރެފިކާއި ގުޅިގެން ކުރިއަށް ގެންދާ އެވެއަރނެސް ޕްރޮގްރާމްތައް
މި ރަމަޟާން މަހުގެ ބާޒާރުމަތީގެ ޓްރެފިކްގެ ކަންކަން ބެލުމަށް ފުލުހުންގެ ހާއްސަ ޓީމެއް ޑިޕްލޮއިކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެތަނުގައި ޕާކުކޮށްފައިވާ ގިނަ ވެހިކަލްތަކެއް ނެގުމާއި ބާޒާރު މަތީގެ ޕޭމަންޓާއި ޒޯން ތަކުގައި މުދާ ބަހައްޓާފައިވާ ފަރާތްތަކަށް ނަސޭހަތްދީ އެކަންކަން ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން ކަމަށް ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ރަމަޟާން މަހުގެ ތެރޭގައި މި ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ކުދި ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ. ފުލުހުން ބުނެފައިވަނީ އެސަރަހައްދަށް ވިޔަފާރި ކުރުމަށްދާ ފަރާތްތަކުންވެސް އެތަނުގެ ޓްރެފިކަށް ބާރުބޮޑު ނުވާނެހެން ކަންކަން ކުރުމަށް ވަނީ އިލްތިމާޒްކޮށްފައެވެ.

