ކޮންމެ ރަމަޟާން މަހެއްގައިވެސް މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓަކީ އެންމެ ބާރުބޮޑު އެއް ސަރަހައްދަށް ވެގެންދެއެވެ. އެތަނަކީ ގިނަ ބާވަތްތަކެއްގެ މޭވާއާއި ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތައް އެއްތަނަކުން ފެނިގެންދާނެ އިންތިޒާމެއްގެ މަތިން ގިނަ އަދަދެއްގެ ރައްޔިތުންގެ ބުރަ މަސައްކަތާއިއެކު ހިންގަމުންދާ ވިޔަފާރި މާހައުލެކެވެ.
އެހެނިހެން އަހަރުތަކާއި އެއްފަދައިން މި އަހަރުވެސް ވިޔަފާރިވެރިންވަނީ ރައްޔިތުންނަށް ބޭނުންވާނެ ތާޒާ މުދާ، ބޭރުންނާއި ރާއްޖޭގެ އެކި ސަރަހައްދުތަކުން ގެނެސް އެތަނުގައި ވިއްކުމަށް ހުޅުވާލާފައެވެ. އެތަނުން އެންމެ ގިނަ އަދަދެއްގެ މީހުންގެ ޝައުގުވެރިކަން ދަމައިގަނެފައިވާކަމަށް ފެނިގެންދިޔަ އެއް ބާވަތަކީ ދިވެހި އަނބެވެ. ގިނަ އަދަދެއްގެ ދޮންވެފައިވާ ދިވެހި އަނބު ހުރިއިރު ވިއްކަމުންދަނީ ކިލޯއެއް 120 ރުފިޔާއަށެވެ. ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ބޭރު އަނބެއްކަމަށްވާ ހަނީ މެންގޯ ފުވައްމުލަކުގައި ހެއްދުމަށްފަހު އެތަކެތިވެސް ބާޒާރަށް ނެރިފައި ހުއްޓެވެ. މި ބާވަތް ވިއްކަމުންދިޔައީ ކިލޯއެއް 90 ރުފިޔާއަށެވެ.
ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ލިބިދޭ ފަތްޕިލާވެލީގެ ބާވަތެއްކަމަށްވާ ކުއްޅަފިލާ ފަތް ހުރީ ބޮޑިއެއް 15 ރުފިޔާގެ ރޭޓުގައެވެ. ދިވެހިރާއްޖޭގައި ހައްދާފައިވާ ދޮންކެޔޮ ކިލޯ ހަމަކޮށް 35 ރުފިޔާގެ ރޭޓުން ވިއްކުމަށް ކަނޑައަޅާފައިހުރިިއިރު އިންޑިއާއަށް ނިސްބަތްވާ ދޮންކެޔޮ 50 ރުފިޔާއަށް ކިލޯއެއް ވިއްކަން ހުއްޓެވެ.
ގިނަ އަދަދަކަށް ފަޅޯވެސް ހުރިއިރު ތާޒާކަމަށް ރިއާޔަތްކޮށް 40 ރުފިޔާއިން ފެށިގެން 25 ރުފިޔާގެ ރޭޓުގައިވެސް ކިލޯއެއް ވިއްކަން ހުއްޓެވެ. ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ބޭނުންކުރެވޭ އެކައްޗަކީ ހިކަނދިފަތްކަމަށްވާއިރު 10 ރުފިޔާއަށް ބޮނޑިއެއް ވިއްކަން ހުއްޓެވެ. ރާއްޖޭގައި އާންމުކޮށް ފެނިގެންދާ ކަރާ ހުރީ 25 ރުފިޔާގެ ރޭޓުން ކިލޯއެއް ވިއްކުމަށް އަގު ކަނޑައަޅާފައިކަމަށްވާއިރު މިފަހުން މަގުބޫލުކަން ހޯދާފައިވާ ބާވަތެއްކަމަށްވާ ހަނީ މެލަން ހުރީ ކިލޯއެއް 45 ރުފިޔާއަށެވެ.
ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ރައްޔިތުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް އޮންނަ ކައްޓަލަ ހުރީ ކިލޯއެއް 60 ރުފިޔާގެ ރޭޓުގައެވެ. ބޮޑު ޑިމާންޑެއް އޮންނަ ކަނޑޫދޫ މިރުސް 100 ގްރާމް 20 ރުފިޔާގެ ރޭޓުން ވިއްކަން ހުރިއިރު ފިޔާ ކިލޯއެއް 20 ރުފިޔާއަށް ހުއްޓެވެ. ބަރަބޯ ކިލޯއެއް 18 ރުފިޔާއަށް ހުރިއިރު ބޮޑެތި ތާޒާ ލުނބޯ ހުރީ ކިލޯއެއް 40 ރުފިޔާއާއި 50 ރުފިޔާ ދެމެދުގައެވެ.
ކިއުކަންބާ ކިލޯއެއް ހުރީ 60 ރުފިޔާގެ ރޭޓުގައިކަމަށްވާއިރު ޕެޝަން ފުރުޓު ކިލޯއެއް 120 ރުފިޔާއަށް ވިއްކަން އަގު ކަނޑައަޅާފައި ހުއްޓެވެ. މިންޓު ލީވްސްހުރިއިރު މި ބާވަތުގެ 100 ގްރާމް ވިއްކަންހުރީ 20 ރުފިޔާއަށެވެ.

