ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއެކު އަދި އިތުބާރުހިފޭ ގޮތެއްގައި ފޯރުކޮށްދިނުމަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޤްޞަދު ހާސިލުކުރުމަށްޓަކައި އެ އޮފީހުގައި ބޭނުންކުރެވޭ ޓެކްނޮލޮޖީގެ ވަސީލަތްތައް އިތުރުކޮށް، އެ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރެއިން ޕްރޮސެކިއުޝަންގެ މަސައްކަތްތައް އޮޓޮމޭޓްކުރުމުގެ މަސައްކަތް 2024 ވަނަ އަހަރު ނިމުނުއިރު 93 އިންސައްތައަށް ވަނީ ފުރިހަމަކުރެވިފައެވެ.
އެ އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު ނިމުނުއިރު މުވައްޒަފުންނާ ގުޅުންހުރި ސްޓާފް ޕޯޓަލްގެ މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމި، ގިނަ މޮޑިއުލްތަކެއް ބޭނުންކުރަން ފެށިފައެވެ. މީގެއިތުރުން، 2023 ވަނަ އަހަރު ތަޢާރަފުކުރެވުނު އެޕީލް މޮޑިއުލް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްތައްވެސް ވަނީ 2024 ވަނަ އަހަރުގައި ކުރެވިފައެވެ.
އަދި ފުލުހުންގެ މުއައްސަސާއިން ޤާނޫނުގައިވާ ގޮތުގެމަތިން ތަޙުޤީޤުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި މުއްދަތު އިތުރުކުރުމުގެ މަސައްކަތްތައް އޮޓޮމޭޓްކުރުމަށް ބޭނުންވާ މޮޑިއުލްވެސް ވަނީ 2024 ވަނަ އަހަރުގައި ތައްޔާރުކުރެވި، ބޭނުންކުރަން ފެށިފައެވެ.

