މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވުމާ ގުޅިގެން، 2 މާރިޗް 2025 ވަނަ ދުވަސް (މިއަދު) ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ، ”ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވުމާއެކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސް ވަނީ މަސައްކަތް ފަށާފައި“ ކަމަށެވެ.
މީގެ އިތުރުން ހީނާ ފާހަގަކުރެއްވި ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށްސަރުކާރުން މަސައްކަތްކުރާނެއެވެ.
މެދުނުކެނޑި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިތަކާއި ތަކުލީފުތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިއަދު ސަރުކާރު ބަންދުކުރުމަކީ އެޅުނު މުހިންމު ފިޔަވަޅެކެވެ.

