ކާބޯތަކެތީގެ ޚިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ލިބެންހުރިކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓުތައް އިޝްތިހާރުގެ ގޮތުގައި ހުއްދަ ނަގާކަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ޤަވާއިދުގެ ދަށުން އެ އޮތޯރިޓީއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށް ޤަވާއިދުގައި ބަޔާންކޮށްފައިވާތީ އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ. އަދި ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް ޖެއްސުން ކުރަމުންދާކަމަށް ސަރުކާރަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން އެމްއެފްޑީއޭއިން ބުނީ، އެ ޤަވާއިދުގައި ބުނެފައިވަނީ ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތެއް ނުވަތަ އެއްޗެއްގެ މަޤްބޫލުކަން އިތުރު ކުރުމުގެ މަޤްސަދުގައި ހިންގާ ޙަރަކާތްތަކުގެ ވާހަކަ ކަމަށެވެ.
އެހެންކަމުން ރެސްޓޯރަންޓު ފަދަ ތަންތަނުގައި ބޭނުންކުރާ މެނޫ އަދި ކާބޯތަކެތީގެ ޚިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ލިބެންހުރިކަމަށް ބުނެ ވާޗުއަލް ޕްލެޓްފޯމް ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓުތައް އިޝްތިހާރުގެ ގޮތުގައި ހުއްދަ ނަގަން ނުޖެހޭނެކަމަށް އެމްއެފްޑީއޭއިން ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް މިހާރު ކޮށްފައިވާ ޕޯސްޓުގައި ހިމެނޭ ކާބޯއެއްޗަކީ ދެވަނައެއް ނެތް ނުވަތަ އެހެން ކާބޯއެއްޗަކާ އަޅާކިޔާ ފަދަ އިބާރާތާއި ފޮޓޯ ނުވަތަ އެނޫންވެސް އެ އެއްޗެއްގެ މަޤްބޫލުކަން އެބީދައިން ދޭހަވާ ފަދަ އެއްޗެއްނަމަ، އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު މެނުވީ ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.
އެކަން ތަފްސީލުކޮށްދެމުން އެމްއެފްޑީއޭގެ އޮފިޝަލަކު ”ސަންގަށް“ ވިދާޅުވީ، އިޝްތިހާރު ކުރަން ހުއްދަ ނަގަން ޖެހެނީ އެތަނުގެ ވަކި ޕްރޮޑަކްޓެއް ނުވަތަ ކާބޯތަކެއްޗެއް ޚާއްސަކޮށް، އިޝްތިހާރު ކުރާ ޙާލަތްތަކުގައި ކަމަށާއި، ނަމަވެސް އާންމުކޮށް އެ ތަނަކުން ވިއްކާ ތަކެއްޗާއި ފޯރުކޮށްދޭ ކާބޯތަކެތި ޖުމުލަކޮށް އިޝްތިހާރުކުރުމަށް ހުއްދަ ނަގާކަށް ނުޖެހޭނެ ކަމަށެވެ.
މިވާގޮތަކީ މީހުން އިންސްޓަގްރާމް ޕޭޖްތަކުގައިވެސް ކާބޯތަކެތި ވިއްކާ، ވެބްސައިޓުވެސް ހަދާ، އެގޮތަށް މުދާ ވިއްކުމަށް ހަދާ ޕޯސްޓުތައް ނުބެލޭނެ އިޝްތިހާރު ގޮތުގައި، ނަމަވެސް މިސާލަކަށް އެ ޕޯސްޓުގައި ހުންނަނީ އެ ޕްރޮޑަކްޓެއްގެ މޮޅު ވާހަކަ ޖެހުމަށް ޚާއްސަ އިބާރަތްތަކެއް ބޭނުންކޮށްފައި، އެހެންވިއްޔާ ޖެހޭނެ ހުއްދަ ނަގަން، މިސާލަކަށް މިވެނި ޕޭޖަކުން ބޮނޑިބަތް ލިބެން އެބަހުއްޓޭ، ފޮޓޯއެއް ލާފަ، އެ ނުވާނެ އިޝްތިހާރަކަށް، ނަމަވެސް މިއީ ކާލަން އެންމެ މީރު، ދެވަނައެއް ނެތް، އެގޮތަށް ބޮނޑިބަތަށް ސްޕެސިފައިވާގޮތަށް އިޝްތިހާރުކުރާނަމަ ހުއްދަ ނަގަން ޖެހޭނެ، މިސާލަކަށް ލޭބަލްއެއްގައިވެސް ހުރެދާނެ އެ ޕްރޮޑަކްޓެއް ވަރަށް މޮޅުކޮށްފައި، މިސާލަކަށް ސިއްޙީ ވަކިފައިދާތަކެއް އެއިން ލިބޭނެކަމަށް، އެ ޙާލަތުގައިވެސް އިޝްތިހާރު އެ ކުރަނީ އެ ވަކި ޕްރޮޑަކްޓް، އެހެންވެއްޖެއްޔާ ޖެހޭނެ ހުއްދަ ނަގަން
މިއީ 1979ން ފެށިގެން އޮންނަ ޤަވާއިދެއް ކަމަށާއި، މި ޤަވާއިދުގައި ހިމެނޭނީ ކުޑަ ތަފާތުތަކެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ކާބޯތަކެއްޗާ ގުޅުންހުރި ހުރިހާ ޤަވާއިދެއް ކާބޯތަކެތި ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ހެދުމުގެ ބޭނުމުގައި ހުރިހާ ޤަވާއިދެއް އަލުން އެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވަނީކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކާބޯތަކެތި އިޝްތިހާރު ކުރުމަށް ބޭނުންވާ ހުއްދަ ހޯދުމަށް އެދި ހުށަހަޅަންޖެހެނީ ދިރިތި ޕޯޓަލްއަށެވެ. އިތުރު މައުލޫމާތު ހޯދުމަށް 7603204 ނުވަތަ 3014361ށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.
މި ގަވާއިދުގައިވާ ގޮތުން އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރެވޭނީ އެކަމުގެ ތަފްސީލުތައް ”ދިރިތި“ ޕޯޓަލް އިން ހުށަހަޅުމަށްފަހު ހުއްދަ ހޯދައިގެންނެވެ.
މި ހުއްދަ ދޫކުރަނީ ތިން އަހަރަށެވެ. ހުއްދަ ހޯދި އިޝްތިހާރަށް އެއްވެސް ބަދަލެއް ގެނެސްފި ނަމަވެސް އަލުން ހުއްދަ ހޯދަން ޖެހެއެވެ. ސިއްހަތާ ގުޅުން ހުރި ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ނުވަތަ އިދާރާއަކުން އާއްމުކޮށް ބޭނުންކުރަން އެދިފައިވާ އެއްޗެއް ނޫންކަން ކަނޑައަޅާފައިވާ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކްސްއާ ކާބޮނޭޓެޑް ޑްރިންކްސް ނުވަތަ ފުޑް ސަޕްލިމެންޓާއި ނޫން ވެސް ކާބޯތަކެތި އިޝްތިހާރު ކުރެވެނީ ހަމައެކަނި އޯޑިއޯ އާއި ވީޑިއޯއިންނެވެ.
އޯޑިއޯ/ވީޑިއޯ އިޝްތިހާރެއް ނަމަ 1،500ރ. އަދި އެނޫން އިޝްތިހާރެއް ނަމަ ހުއްދަ ނަގަން ޖެހޭނީ 1،000ރ. ގެ ފީއެއް ދައްކަންޖެހެއެވެ. ކާބޮނޭޓެޑް ޑްރިންކްސް/އެނާޖީ ޑްރިންކްސް އިޝްތިހާރު ކުރާނަމަ 3،000 ރުފިޔާ ދައްކަން ޖެހެއެވެ. ކުޑަކުދިންނާއި މާބަނޑު މީހުންނަށް ނުރައްކާ ހުރި އެއްޗެއްނަމަ އެކަން ދިވެއްސާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަން ޖެހެއެވެ.
ކާބޯއެއްޗެހީގެ އެއްވެސް ބާވަތެއްގެ އެއްޗަކުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކި ބަލިތަކުގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާ ގޮތަށް އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ. ނަމަވެސް ސާބިތުކުރެވޭނަމަ ޖުމްލަ ގޮތެއްގައި ބުނުމަކީ މައްސަލައެއް ނޫންކަމަށް ގަވައިދުގައިވެއެވެ. ކިރު އިޝްތިހާރު ކުރަނީނަމަ، ތިން އަހަރުން ދަށުގެ ކުދިން އިޝްތިހާރު ކުރުމަށް ބޭނުމެއް ނުކުރެވެއެވެ. ކާބޯތަކެތި އިޝްތިހާރު ކުރާއިރު އެއީ ”އެންމެ މޮޅު“، ”ދެވަނައެއް ނެތް“، ”މިވަރެއް ނެތް“ ފަދަ އިބާރާތްތައް ބޭނުންކުރުން މަނައެވެ. އަޔޮޑިން އަޅާފައި ހުންނަ ލޮނު ނޫން އެހެން ލޮނެއް އިޝްތިހާރުކުރުމަކީ ވެސް މަނާ ކަމެކެވެ.
ޕްރޮމޯޝަނަލް އިވެންޓުތަކުގައި އެނާޖީ ޑްރިންކާއި ކާބޮނޭޓެޑް ޑްރިންކާއި ފުޑް ސަޕްލިމެންޓްސް އަދި އެ ނޫން ވެސް ތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.
މި އުސޫލުތަކާ ހިލާފަށް އިޝްތިހާރު ކޮށްފިނަމަ 10،000ރ. އިން، ދެ ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 100،000ރ. އިން އަދި ތިން ވަނަ ފަހަރު ނަމަ 300،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.

