ރަމަޟާން މަހާ ގުޅިގެން އެމްޓީސީސީގެ ފެރީ އަދި ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
ގްރޭޓަރ މާލޭ ސަރަޙައްދުގެ ބަސް ދަތުރުތަކަށް ބަލާއިރު، މާލެއިން ހުޅުމާލެ ފިޔަވަހި 1 އަދި 2 އަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. ރޯދަވީއްލާ ގަޑީގައި މެދުކަނޑާލެވޭ މި ދަތުރުތައް އަލުން ފެށޭނީ ރޭގަނޑު 7:20 ގައި ކަމަށާއި، ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.
މާލޭތެރޭގެ އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައް ފެށޭނީ ހެނދުނު 7:00 ގައެވެ. މި ދަތުރުތައް ހަވީރު 6:00 ގައި މެދުކަނޑާލުމަށްފަހު، ރޭގަނޑު 9:00 ގައި އަލުން ފަށައި، ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
ފެރީގެ ޚިދުމަތަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިން ނިމޭގޮތަށް ތާވަލު ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. އަދި ރަމަޟާން މަހުގެ ހުކުރު ދުވަސްތަކުގައި އާރްޓީއެލް ފެރީ ދަތުރުތައް ނުކުރާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން މިހާރު ދަނީ 20 އަތޮޅު 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ދަތުރުތައް ކުރަމުންނެވެ. ”ފެރީގެ ޚިދުމަތަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް ބޭނުންކުރާ ޚިދުމަތަކަށް ވާތީ، މިރަމަޟާންމަހު ދަތުރުތައް ރާވާފައިވަނީ ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭގޮތަށް“ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

