ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނު އިންޒާރުގައި ބުނެފައިވަނީ، ”އަންނަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ“ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އާންމު ވައިވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި ނުރައްކާތެރި މޫސުމާ ގުޅިގެން، ހއ. އިން މ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވެއެވެ. އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ވާރޭގެ މިންވަރު
ވޭތުވެދިޔަ 24 ގަޑިއިރުގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ކ. ދިއްފުށްޓަށެވެ. އެރަށަށް 296.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުމާލެއަށް 185.2 މިލިމީޓަރު، ފ. ނިލަންދޫއަށް 178.2 މިލިމީޓަރު އަދި ހުޅުލެއަށް 177.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މި ވިއްސާރައަކީ ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއާއި އޭގެ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި މި ސަރކިއުލޭޝަން ރާއްޖޭގެ އުތުރަށް ޖެހެމުންދާތީ، އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

