މިދިޔަ އަހަރު ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 63 މައްސަލައެއް ހެކި ނެތިގެން އަނބުރާ ފޮނުވާލާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ އޮފީހުން) ބުނެފިއެވެ.
ޕީޖީ އޮފީހުން ވަނީ އެ އޮފީހުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފައެވެ.
ރިޕޯޓުގައިވާގޮތުން 2024 ވަނަ އަހަރު 2789 މައްސަލައެއް ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 1680 މައްސަލައަކީ މާލެގައި ހުރި ޕީޖީ އޮފީހުގެ ހެޑްއޮފީހުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލައެވެ.
މިދިޔަ އަހަރު ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 63 މައްސަލައެއް ވަނީ ހެކި ނެތިގެން އަނބުރާ ފޮނުވާލާފައެވެ. އަދި 84 މައްސަލައެއް އަލުން ހުށަހެޅުމަށްޓަކައި ކޯޓުތަކުން އަނބުރާ ފޮނުވާލާފައިވެއެވެ.
އެހެނިހެންވެސް އެކި ސަބަބުތަކާހުރެ 51 މައްސަލައެއް އަނބުރާ ފޮނުވާލާފައިވެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރު 32 މައްސަލައެއްގައި ނަސޭހަތުގެ ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއް ވުމަށްފަހު ކޭސް ޕީޖީ އޮފީހުގައި ހިފަހައްޓާފައިވެއެވެ. އަދި 4 މައްސަލައެއް އެނޫންވެސް އެކި ސަބަބުތަކާހުރެ ހިފަހައްޓާފައިވެއެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ އޮފީހުން މިދިޔަ އަހަރު 51 މައްސަލައެއް މަސްލަޙަތު ނެތިގެން އަނބުރާ ފޮނުވާލާފައިވެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއެކު އަދި އިތުބާރުހިފޭ ގޮތެއްގައި ފޯރުކޮށްދިނުމަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

