ގާނޫނުއަސާސީގެ ވަކި ބައެއް އިސްލާހު ކުރުމުގެ ބަދަލުގައި މުޅި ގާނޫނުއަސާސީ އިސްލާހު ކުރަންޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، 18 އަދި 19 ވަނަ މަޖިލީހުގައި އޭނާ ދައްކަވާފައިވާ ވާހަކަތަކުން ފާހަގަކުރެވޭ އެއް ކަމަކީ ރިޔާސީ ނިޒާމެއްގައި އެންޓި ޑިފެކްޝަން ގާނޫނެއް އޮތުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަނދެވިފައި ތިބުމަކީވެސް ވެގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
”ރިޔާސީ ނިޒާމެއްގައި ތިން ބާރު ވަކިވެފައި އޮންނައިރު، ރައްޔިތުންގެ މަޖިލީހަކީ މިނިވަން މުސްތަގިއްލު ބާރެއް. އެ ބާރަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ނުވާނެ،“ އަލީ ހުސެއިން ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ސަރުކާރު ނިސްބަތްވާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އޮތް ނަމަވެސް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހަކީ މުޅިން ވަކި ދެ މުއައްސަސާއެއް ކަމަށެވެ. އަދި އެއީ އެކުގައި ގުޅިގެން ހިންގަން އޮންނަ ދެ މުއައްސަސާއެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އަލީ ހުސެއިން ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެންމެ މައިގަނޑު އަދި މުހިންމު މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. މިކަން މިހެން އޮތުމާއެކު، ގާނޫނުއަސާސީގެ ވަކި ބައެއް އިސްލާހުކުރުމުގެ ބަދަލުގައި މުޅި ގާނޫނުއަސާސީ އަލުން އެކުލަވާލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ރިޔާސީ ނިޒާމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އެޅިފައިވާ އެންމެ މުހިންމު އެއް ފަރާތަކީ ރައްޔިތުންގެ މަޖިލިސް. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މެމްބަރަކު ނިސްބަތްވާ ޕާޓިންވެސް އެމީހެއްގެ ޕާޓީގެ އުސޫލުތަކާއި އެ ސިޔާސަތުތައް އެމީހަކު ގަބޫލު ކުރާ ހަމަތަކަކާއި، އަދި ގައުމަށް އެންމެ ރަނގަޅު ގޮތްތައް ރައްޔިތުންނަށް އެންމެ ލާބަޔާއި މަންފާ ލިބޭނެ ގޮތް ނޫން އެހެން ގޮތްގޮތަށް އަމަލު ކުރާ ކަމުގައި ވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް އޮންނާނެ އެމީހަކު އެނިސްބަތްވާ ޕާޓީން ވިޕްލައިނާއި ހިލާފަށް ވޯޓުލުމާއި، އަދި އެމީހަކު ބޭނުންވާނަމަ ޕާޓީން ވަކި ވުމުގެވެސް ހައްގު އޮންނަން ޖެހޭ. އެހެންނަމަވެސް އަޅުގަނޑު ދައްކާފައިވާ ވާހަކައަކީ ޕާޓީ ބަދަލުކުރުން ހުއްޓުވާ ކަމުގައި ވަންޏާމުން އެކަން ހުއްޓުވަން ޖެހޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން. މިހެންގެންނަ ތަންކޮޅަކަށް ގެންނަ އިސްލާހަކުން ކަމެއް ނުވާނެ“
އަލީ ހުސެއިން ވިދާޅުވީ އިސްލާހު ގެންނަނަމަ މުޅި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުން މިނިވަން ވުމަކީ ރިޔާސީ ނިޒާމެއްގެ އަސާސީ ސިފައެއް ކަމަށެވެ. އަލީ ހުސެއިން ވިދާޅުވީ ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުން ގާތު ކަމަށާއި، ހަމައެގޮތަށް ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އިސްލާހު ކުރަންޖެހޭ ކަމަށާއި 90 ވަނަ މާއްދާވެސް އިސްލާހު ކުރަންޖެހޭ ކަމަށެވެ.

