ހެންވޭރު ގެއެއްގެ ތެރެއިން މިދިޔަ މަސް ތެރޭގައި ފުލުހުން އަތުލައިގަތް 49،000 ސިނގިރެޓް ފޮށި ނައްތާލަން ސިޓީ ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލައިގައި އަތުލައިގަނެފައިވާ ސިނގިރެޓްތައް ނައްތާލުމާއި މެދު ގޮތެއް ނިންމުމަށް ސިއްހީ ވުޒާރާއަށް ސިޓީއެއް ފޮނުވާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްްސަލައިގެ ތުހުމަތު ކުރެވޭ ރޭޑިއަސް ގެ ވިޔަފާރި އާއި މެދު ގޮތެއް ނިންމުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއަށް ސިޓީ ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މި ތަކެތި އަތުލައިގަތީ ހެންވޭރު ގެެއެއްގެ ތެރޭގައި ހިންގާ އޮފީހެއްގައި ސިނގިރެޓް އުފައްދާކަމަށް ބުނެ ހުށައެޅުނު މައްސަލައަކާއި ގުޅިގެންނެވެ. ބަލައިފާސް ކުރުމުގެ އޮޕަރޭޝަންގައި އެ އޮފީސް ތެރެއިން 49،000 ސިނގިރެޓް ފޮށި އަތުލައިގަނެފައިވެއެވެ.
އެއީ ހ. ހުޅުގަލިގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގެއެކެވެ. ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭ އެތަން ބަލާ ފާސްކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެ ސަރަހައްދުގައި ތިބި ސަންގުޓީވީގެ ނޫސްވެރިންނަށް ވަނީ ފުލުހުން އެ ސަރަހައްދުން ބައެއް މުދާ އަތުލައިގަނެގެން ގެންދިޔަކަން ކަށަވަރުކުރެވިފައެވެ. އެތަކެތި ގެންގޮސްފައިވަނީ އެ މުއައްސަސާގެ ޕިކަޕެއްގައެވެ.

