ޖަނަވާރު ރައްކާތެރި ކުރުމުގެ ބިލެއް ހުށަހަޅައި، ގާނޫނާއި ހިލާފުވާ މީހުންނަށް ބޮޑެތި އަދަބުތައް ކަނޑައަޅާއިރު އޭގެ ކުރިން ރަނގަޅު ދިރިއުޅުމެއް ހޯދައިދޭންވީ ދިވެހި ރައްޔިތުންނަށްކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އެކި ބޭނުންތަކަށް ޖަނަވާރު ގެންގުޅެ ބެލެހެއްޓުމުގައިއާއި ވިއްސައި އާލާކުރުމުގައި އަމަލު ކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބިލުގެ ބަހުސެވެ. މި ބިލުގައި ޖަނަވާރު ވިއްސައި އާލާކުރުމުގައިއާއި ޖަނަވާރުގެ ސިއްހަތާއި ގުޅޭކަންކަމުގައި އަމަލު ކުރަން ޖެހޭ ގިތް ވެއެވެ. އަދި ޖަނަވާރު ރާއްޖެއަށް އެތެކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ރާއްޖެއިން ބޭރަށް ގެންދިއުމާއި ބެހޭ އުސޫލު ވަނީ ހިމަނާފައެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް، އައްބާސް ވިދާޅުވީ އޭގެ ކުރިން ހައްލު ކުރަން ޖެހޭ އެހެން ގިނަ މައްސަލަތަކެއް އެބަހުރިކަމަށެވެ. އެގޮތުން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ފިޔަވަޅު އެޅުމަށް އައްބާސް ގޮވާލި އެވެ.
އައްބާސް ވިދާޅުވީ ޖަނަވާރުންނާއި މެދު އިހާނެތިކޮށް ކަން ކުރުމުން، އެ މައްސަލައެއްގައި ޝާމިލުވާ މީހަކަށް ޖުރިމަނާގެ ބޮޑެތި އަދަދުތައް ކަނޑައެޅިފައިވާ ގޮތަށް އިންސާނުންނާއި މެދު ގޯސްކޮށް އަމަލު ހިންގައި އަނިޔާ ދޭ މީހުންނަށް ވެސް އެ ސްޕީޑުގައި އަދަބު ދޭން ޖެހޭކަމަށެވެ.
ޖަނަވާރުންނާއި މެދު އިހާނެތިކޮށް ކަން ކުރީމާ ބޮޑެތި ޖުރިމަނާތައް އަންނަ ގޮތަށް، އިންސާނުންނާއި މެދު އިހާނެތިކޮށް ކަންތައް ކުރީމާ ބޮޑެތި ޖުރިމަނާތައް އަންނަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.. ޖަނަވާރުން ރަނގަޅަށް ބެލެހެއްޓުމާއި، ގެންގުޅުމާއި، ރަނގަޅަށް ކާން ދިނުމާއި ރަނގަޅު ސިއްހީ ފަރުވާ ދިނުން.. މި ބިލުގައި ވަރަށް ތަރުތީބުކޮށް ލިޔެފައި އެބަހުރި.. އެހެން ނަމަވެސް އަޅުގަނޑުގެ ދާއިރާގެ ޅޮހީ ރައްޔިތުން ނަޖިސް ފެނުން މިއަދުވެސް ފެންވަރަމުން އެދަނީ.. ކޮންފަދަ ބޮޑު އަނިޔާއެއްތޯ..
އައްބާސް ވިދާޅުވީ އޮޅުކޮށްގެން ގެންގުޅޭ ބުޅާތަކަށް ބޭނުންވާ ރަނގަޅު ބޭސްފަރުވާގެ ވާހަކަ ދައްކައި، އެކަމަށް މަސައްކަތް ކުރަމުންދާއިރު ރައްޔިތުން ތިބީ ރަނގަޅު ބޭސްފަރުވާއެއް ނެތިކަމަށެވެ. އަދި އޭނާގެ ދާއިރާގެ ރައްޔިތުން ތިބީ ލަފާ ފުރޭނެ ގޮތެއް ނެތިކަމަށާއި، ބޭސްފަރުވާއަށް ކައިރީ ޖެހިގެން އޮތް އެހެން ރަށަކަށް ދާން ބަލާއިރު އެ މަގު ވެސް ނެތްކަމަށް އައްބާސް ވިދާޅުވިއެވެ.
ޖަނަވާރުންނަށް އާޅާލަން ޖެހޭކަމަށާއި، ހަމަ އެ އުސޫލުން އިންސާނުންނަށް ވެސް ރަނގަޅަށް އަޅާލައި އޯގާތެރިވާން ޖެހޭކަމަށް އައްބާސް ވިދާޅުވިއެވެ.
އިންސާނުންނަށް ދިމާވާ ދަތިތައް ވެސް އެބަޖެހެއެއް ނޫންތޯ ހައްލު ކުރަން.. މިއީ އެއްގޮތަކަށް ވެސް މަޖާ ވާހަކައެއް ނޫން މި ދައްކަނީ.. ރަނގަޅު ވާހަކައެއް.. ނ. އަތޮޅުގެ އެންމެ ބޮޑު އާބާދީއެއް ވެލިދޫގައި.. ވެލިދޫގެ ރައްޔިތުން ސިއްހީ ފަރުވާއަށް ސަލާން ޖަހަމުން އެދަނީ..
މި ބިލުގައި ވަނީ ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތައް އިމްޕޯޓުކޮށް އެކްސްޕޯޓުކޮށް ޓްރާންސިޓި ކުރުމާއި އެތަކެތި ގަނެ ވިއްކުމާއި ގުޅޭ އުސޫލު ވެސް ހިމަނާފަ އެވެ. އެގޮތުން ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅެ އާލާކުރުމަށް މަގުފަހިކުރުމަށްޓަކައި ޖަނަވާރު ގެންގުޅުމުގައި އަމަލު ކުރަންޖެހޭ މިންގަނޑުތަކެއް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ބިލު ވަނީ ޖަނަވާރަކަށް އަނިޔާއެއް ދިނުން ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަނަކަށް ދޫކޮށްލައިފި ނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާގެ ދެމެދުގެ އަދަދެއްގެ ޖުރިމަނާއެއް ހިމަނާފަ އެވެ. އަދި ގަވައިދާ ހިލާފަށް ޖަނަވާރު އިމްޕޯޓު ނުވަތަ އެކްސްޕޯޓުކޮށްފި ނަމަ 500،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެކަމަށް ވެއެވެ. މިއާއި އެކު ގަނޫނާއި ހިލާފަށް ޖަނަވާރު އާލާކޮށް އެ ގެންގުޅެ ސާމްޕަލް އޮޅުވާލައިފި ނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާގެ އަދަދަކުން ޖުރިމަނާއެއް އަންނާނެކަމަށްވެއެވެ.

