ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވާފައިވީނަމަވެސް ފަނޑިޔާރުގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީގެ އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާ ”ސަންގަށް“ ލިބިފައިވާއިރު، ފަނޑިޔާރު ސުއޫދުގެ މައްސަލަތަކެއް އެޖެންޑާކޮށްފައިވެއެވެ.
އެހެންނަމަވެސް އެ ބައްދަލުވުމުގެ ކުރިން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވިނަމަވެސް، އިސްތިއުފާ ސިޓީ ޖޭއެސްސީއަށް ލިބިފައި ނުވާތީ ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކުރައްވައި ސުއޫދު ފޮނުވި އިސްތިއުފާގެ ސިޓީ ގަބޫލު ނުކުރުމަށް ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމީއެވެ. އެ ގޮތަށް ނިންމީ ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާއަށް ބެލުމަށް ފަހުއެވެ.
އެހެންކަމުން ފަހުން ފަނޑިޔާރު ސުއޫދު ވަނީ ޖޭއެސްސީއަށްވެސް ސިޓީ ފޮނުއްވަވާފައެވެ.
ސުއޫދުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ”ގޮނޑިގެއްލޭ އިސްލާޙުގެ މައްސަލައަކީ ސުޕްރީމް ކޯޓުގައި ބެލޭނެ މައްސަލައެއްކަމަށް ނިންމުމާއެކު، މި ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވައި، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ހުއްޓުވާލުމަށް މަސައްކަތް ކޮށްފައިވެއެވެ.“

