ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑުކުރިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވާއިރު، އޭސީސީން އެ ފަނޑިޔާރާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއްކަންވެސް މިހާތަނަށް އަންގާފައިނުވާކަމަށް ފަނޑިޔާރުގެ ޤާނޫނީ ޓީމުން ބުނެފިއެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ޤާނޫނީ ޓީމުން ބުރާސްފަތި ދުވަހު ވަނީ ބަޔާނެއް ނެރެފައެވެ.
ބަޔާނުގައި ބުނެފައިވަނީ، އޭސީސީން ހިންގަމުންގެންދާ ޖިނާއީ ތަހުގީގަކާ ގުޅިގެންކަމަށް ބުނެ ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑުކޮށް، އަދި އެއަށްފަހު ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން އަންގާފައިވާއިރު، އެ މައްސަލަތަކަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް މައްސަލަތަކެއް ކަމަށެވެ.
އަދި އެއީ ފަނޑިޔާރުންގެ މަސައްކަތާބެހި، ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ޙާލަތެއްކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން އެ ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ޖޭއެސްސީން ފާހަގަ ކުރާ ގޮތުގައި އެ މައްސަލަ އަމިއްލަ ފަރާތަކުން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަ ތަހުގީގުކުރަން ނިންމީއެވެ.
އެކަމާ ގުޅޭގޮތުން ބަޔާނުގައި ބުނެފައިވަނީ، އެއީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ދޮގު ތުހުމަތެއް ކަމަށާއި، އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅުއްވާފައިނުވާނެ ކަމަށެވެ. ޑރ އިސްމާއިލް ލަތީފް ޖިނާއީ ތުހުމަތެއް ނެތި ހައްޔަރު ކުރެވުމުން، ބަންދުން ދޫކޮށްލުމަށް އެދި ނުފޫޒު ފޯރުވިކަމަށް ބުނެ ދެކެވެމުންދަނީ ދޮގު ތުހުމަތުތަކެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެކަމުގެ ތަފްސީލުތައް ފަނޑިޔާރު އަޒްމިރަލްދާވެސް ވަނީ ޖޭއެސްސީއަށް ސިޓީއަކުން ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން، ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑުކޮށްފައިވަނީ އޭސީސީން ހިންގަމުންދާ ޖިނާއީ ތަހުގީގަކާ ގުޅިގެންކަމަށް ބުނެފައިވާއިރު، ފަނޑިޔާރު ސަސްޕެންޑުކުރިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވާއިރު، އޭސީސީން އެ ފަނޑިޔާރާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއްކަންވެސް މިހާތަނަށް އަންގާފައިނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ތަފްސީލު ހޯދުމަށް އޭސީސީއަށް ލިއުމުން ހުށަހެޅުމުންވެސް މިހާތަނަށް އެ ތަފްސީލުތައް ދީފައިނުވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އަސާސެއް އޮތް ތަހުގީގެއް އެ ކޮމިޝަނުން ކުރަމުންދާކަމާމެދު ބަޔާނުގައި ވަނީ ސުވާލު އުފައްދާފައެވެ.
މީގެ އިތުރުން، ފަނޑިޔާރު ސަސްޕެންޑު ކުރުމަށް ޖޭއެސްސީން ނިންމުމުގައި އަމަލުކުރި ގޮތްތައް ސާފުކުރުމަށާއި، 26 ފެބްރުއަރީގައި ޖޭއެސްސީން ބޭއްވި ބައްދަލުވުމުގެ ތަފްސީލު ހޯދުމަށާއި، އަދި އޭސީސީން ފޮނުވިކަމަށް ބުނާ ސިޓީގެ ކޮޕީއެއް ހޯދުމަށް އެ ކޮމިޝަނުގައި އެދުމުންވެސް މިހާތަނަށް އެ ސިޓީތަކަށްވެސް ޖަވާބެއް ލިބިފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، ޑރ އިސްމާއިލް ލަތީފްގެ މައްސަލައާ ގުޅުވައި ފަނޑިޔާރު އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާކަމަށް ބަޔާންކުރައްވައި ފަނޑިޔާރުގެ ފަރާތުން އޭސީސީއަށް 27 ފެބްރުއަރީގައި ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ރަޖިސްޓްރީ ނުކުރުމަށް އޭސީސީން ނިންމާފައިވާކަންވެސް ފަނޑިޔާރުގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އޭސީސީން އެގޮތަށް ނިންމީ ޝަކުވާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޮރަޕްޝަންގެ ކުށެއް ފާހަގަވާން ނެތްކަމަށް ބުނެއެވެ.
އެހެންކަމުން ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ވަނީ އެކަންކަމުގެ ސަބަބުން ފަނޑިޔާރަށް އިންސާފު ހޯދުމުގައި ހުރަސްތައް ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް، ޤާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް ދައުލަތުގެ ހިންގުމުގައި ތިއްބެވި ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

