މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށާނެ ކަމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މި ގޮތަށް މިނިސްޓަރ ވިދާޅުވެފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި މިނިސްޓަރ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، މާލޭގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް 2025 މާރިޗު 8 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީއިން ކުރިއަށް ގެންދާނެކަމަށެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ވާރޭވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވެގެން ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުންނާއި، ވުޒާރާގެ ޕަބްލިކް ވާރކްސް ޔުނިޓުގެ މުވައްޒަފުން ނުކުމެ އޮންނަނީ ކުރަންޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން، ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ދާދި ފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ 6 ޖީއެސްޓީސީ މޫވްމަންޓުގެ ދެ ޕަމްޕް ގެނެސް ބޭނުންކުރަން ވެސް ފަށައިފައެވެ.

