ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ގެ ފަހު ކުއާޓާރގައި ކަޅުބިލަ މަހުގެ އާމްދަނީ 77 އިންސައްތަ ދަށް: އެމްއެމްއޭ

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ގެ ފަހު ކުއާޓާރގައި ރާއްޖެއިން މުދާ އެކްސްޕޯޓުކުރި މިންވަރު 19 އިންސައްތައިން ދަށްވެފައިވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގައި ވަނީ ރާއްޖޭގެ ވިޔަފާރި ދާއިރާގެ ހިންގުންތެރިކަމުގެ ތަފްސީލު ހިމަނާފައި ވެއެވެ. ރިޕޯޓުގައިވާގޮތުން 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024ގެ ފަހު ކުއާޓަރުގައި ރާއްޖޭގައި އުފައްދާ މުދަލާއި ރާއްޖެއިން ރީ އެކްސްޕޯޓު ކުރެވޭ މުދާ ހިމެނޭގޮތަށް ޖުމުލަ އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ 22.5 މިލިއަން ޑޮލަރުން ދަށްވެފައެވެ. އެގޮތަށް ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފާހަގަކުރެވޭ މިންވަރަށް ރާއްޖޭގައި އުފައްދާ މުދަލުގެ އެކްްސްޕޯޓު ވެއްޓިގެންދިއުުމުގެ އިތުރުން އެތެރެކުރުމަށް ފަހު އަލުން އެކްސްޕޯޓު ކުރާ މުދަލުގެ އަދަދުތައްވެސް ދަށްވުން ހިމެނެއެވެ.

ވޭތުވެދިޔަ ހަތަރު ކުއާޓާގައި ވެސް ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓު ކުރެވޭ އަދަދުތައް ދަށްވަމުން އައިސްފައިވާއިރު ރާއްޖެއިން ޖެޓް ފިިއުލް ރީ އެކްސްޕޯޓު ކުރުން ވަނީ 6 އިންސައްތައިން އިތުރުވެފައިކަން ފާހަގަކޮށްފައިވެއެވެ. މިއީ މި ދުވަސްތަކުގެ ތެރޭގައި ފްލައިޓުތަކުގެ އަދަދު ގިނަވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. އެކްސްޕޯޓު ކުރެވޭ މުދަލުގެ ތެރޭގައި ރާއްޖެއިން އުފައްދާ ބާވަތްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަހާއި މަހުން އުފައްދާފައިވާ މުދަލެވެ.

މި ބާވަތުގެ މުދާ އެކްސްޕޯޓު ކުރެވޭ މިންގަނޑުތައް ވަނީ 50 އިންސައްތައިން ދަށްވެފައިކަމަށް އެމްއެމްއޭއިން ބުނެފައިވާއިރު މައިގަނޑު ސަބަބަކީ ގަނޑުކޮށްފައިހުރި ކަޅުބިލަމަހުގެ އާމްދަނީ ދަށްވެގެންދިއުންކަމަށާއި މި ބާވާތުން ހޯދާ އާމްދަނީ 77 އިންސައްތައިން ދަށްވެފައިވާކަމަށެވެ.

ރާއްޖެއިން އެކްސްޕޯޓު ކުރާ ގަނޑުކޮށްފައި ހުންނަ ކަޅުބިލަމަހުގެ އާމްދަނީ 15.1 މިލިއަން ޑޮލަރުން ވެއްޓިފައިވާއިރު ސަބަބަކީ އެސްޕޯޓު ކުރެވޭ އަދަދުތައް 74 އިންސައްތައިން ދަށްވެގެންދިއުމުގެ އިތުރުން ބެންކޮކް މާކެޓުގެ އަގުތައް 7 އިންސައްތައިން ދަށްވެގެންދިއުންކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފަހު ކުއާޓާގައި ކަޅުބިލަމަހުގެ ކިލޯއެއްގެ އަގުހުރީ 24.3 ޑޮލަރުގައިކަމަށްވާއިރު 2024 ވަނަ އަހަރު 22.6 ޑޮލަރަށް ވެއްޓުނުކަން ފާހަގަކޮށްފައިވެއެވެ. ގަނޑުކޮށްގެން ކަންނެލި އެކްސްޕޯޓުކުރާ މިންވަރުތައްވަނީ 47 އިންސައްތަ ނުވަތަ 2.6 މިލިއަން ޑޮލަރުން ދަށަށް ގޮސްފައިކަމަށްވާއިރު ޕެކެޓު ނުވަތަ ދަޅުގައި ބަންދުކުރެވިފައިވާ މަސް އެކްސްޕޯޓުކުރެވޭ މިންގަނޑުތައްވެސް 15 އިންސައްތަ ނުވަތަ 1.3 މިލިއަން ޑޮލަރުން ދަށްވެފައިވާކަމަށެވެ.

ފިނިކުރި ނުވަތަ ތާޒާ ކަންނެލި އެކްސްޕޯޓުކުރާ މިންގަނޑުތައްވެސް 33 އިންސައްތައިން ދަށްވެފައިވާއިރު މިއީ މިގޮތުގެ މަތިން ދަށްވަމުން އަންނަ 7 ވަނަ ކުއާޓާރކަން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: