ސުލޫކީ މައްސަލައެއް ފެންމަތިވުމުން، ނުވަތަ ވަކި ތުހުމަތެއް ކުރެވުމުން ފަނޑިޔާރުންނަކީ އަމިއްލަ ދިފާއުގައި ބަޔާން ކުރެ ސިޔާސީ ބަޔަކު ދައްކާ ވާހަކައަށް ރައްދު ދޭ ބަޔަކަށް ވެގެން ނުވާނެކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ ހަފްތާގައި ސަސްޕެންޑުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިމި އަމުރު ނެރެން ކުޑަތަންވެފައި ވަނިކޮށެވެ. އަދި އެއާއި އެކު ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ނިންމައި، ދެ ފަނޑިޔާރަކު ވަކި ކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ހަމަ އެ ދުވަހު ފާސްކުރި އެވެ.
ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު ކުރާ ތުހުމަތުތަކަށް ރައްދު ދީ ބަޔާން ނެރުއްވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން ސަސްޕެންޝަނުގައި ހުންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ޖޭއެސްސީން އަޒްމިރަލްދާ ސަސްޕެންޑު ކުރީ، ފިރިމީހާ ޑރ. އިސްމާއިލް ލަތީފް މައްސަލައެއްގައި ހައްޔަރު ކުރުމުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މެސެޖު ކުރެއްވިކަމަށް ބުނެ އެވެ. އަދި އެކަމުގައި މަހާޒް، އަޒްމިރަލްދާއަށް އެހީތެރިކަން ފޯރުކޮށްދިންކަމަށް ތުހުމަތު ކުރެއެވެ.
މި ވާހަކަތައް ދޮގުކޮށް އަޒްމިރަލްދާގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައި ބުނީ، ފިރިމީހާ ހައްޔަރު ކުރި މައްސަލަ ބޭނުންކޮށްގެން ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ބަޔާނުގައި ބުނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދާ ޑރ. އިސްމާއިލްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރި ބައްދަލުވުމަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ. އެ މައްސަލައިގައި ޑރ. އިސްމާއިލް ވެސް ވަނީ ޕޯސްޓެއް ކުރައްވައި އޭނާ ސްޕާއެއްގައި ހުއްޓައި، ފުލުހުންގެ ބަންދަށް ގެންދިޔަކަމަށާއި އެހެން ނަމަވެސް ގާނޫނީ އެއްވެސް ކުށެއްކޮށްފައި ނުވާތީ ދޫކޮށްލާފައިވާކަމަށް ވިދާޅުވެފަ އެވެ.
އެކަން ފާހަގަކޮށް ބަޔާނުގައި ވަނީ އެ މައްސަލައާއި ގުޅުވައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ބާރުފޯރުވުމަށް މަސައްކަތް ކުރިކަމަށެވެ.
ފިރިމީހާއާއި ގުޅުވައި ދެކެވެމުން އައި ވާހަކަތަކާއި ގުޅިގެން އޭސީސީއަށް މީގެ ކުރިން މައްސަލައެއް ހުށަހެޅިކަމަށާއި ކޮމިޝަނުން ފައިދާއެއް ނަގައިދިނުމުގެ ކަމެއް ފާހަގަވެފައި ނުވާތީ މައްސަލަ ފައިލް ނުކުރާކަމަށް ބަޔާނުގައި ވެއެވެ.
ދެ ސޮފުހާގެ އެ ބަޔާނާއި ގުޅިގެން މުހުތާޒް ވިދާޅުވީ ފަނޑިޔާރުންނަކީ ސިޔާސީ މީހުންނަށް ރައްދު ދޭ ބަޔަކަށް ވެގެން ނުވާނެކަމަށެވެ. އަދި ބަޔާން ނެރެ ރައްދުތައް ދިނުމަކީ ނުވަތަ ތުހުމަތެއް ދޮގު ކުރުމަކީ ފަނޑިޔާރު ގޭގެ ގަދަރާއި ހުރުމަތް ކެނޑިގެން ދާނެ ސަބަބެއްކަމަށް މުހުތާޒް ވިދާޅުވި އެވެ.
”އިއްޒައްތެރި ފަނޑިޔާރުނަށް ގާނޫނު ބުނާގޮތުން ޖަވާބު ދާރީވާން އޮންނަނީ ގަދަރުވެރިކަމާއި އެކު ޖޭ.އެސް.ސީ އަށެވެ. މަގާމުގައި ތިއްބަވައިގެން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެ, އާންމު ބަޔާންތަށް ނެރުއްވުމުން ގެންދެވުމަކީ, ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެ އާއި ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑި، ނުތަނަވަސްކަން އިތުރުވެގެންދާނޭ ކަމެއް ކަމަށް ދެކެމެވެ.“ މުހުތާޒް ލިޔުއްވާފައިވާ ޕޯސްޓުގައި ވިދާޅުވި އެވެ

