ރާއްޖެ އެންމެ ދަތި އުނދަގޫ މަރުހަލާއެއްގައި އޮއްވާ ވެރިކަން ކުރައްވާ ފަރާތަކީ ރައީސް ޑރ މުހައްމަދު މުއިއްޒުކަމަށާއި މިވެރިކަމުގެ ވާހަކަތައް އަންނަނިވި ޖީލުތަކުން ދައްކާނެކަމަށް އުންމީދުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކުރެވެމުންދާ މަސައްކަތްތަކާއިމެދު ރައްޔިތުން ވިސްނަންޖެހޭކަމަށެވެ. ނަސީރު ވިދާޅުވީ، ވެރިކަމުގައި ތިބި ބަޔަކު އަބަދުވެސް މަސައްކަތްކުރަމުންދާނީ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދީގެން ކަންކަން ކުރިއަށް ގެންދިއުމަށްކަމަށެވެ. ނަމަވެސް ވެރިކަމުން ވެއްޓިގެންދާ ޕާޓީން މަސައްކަތްކުރަމުންދާނީ ވުޖޫދުގައި އޮތް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ނުރަނގަޅު ކަންތައްތަކެއްގެ ގޮތުގައި ސިފަކުރުމަށްކަމަށެވެ. މިގޮތަށް އަމަލުކުރުމުގެ ނަތީޖާއަކީ އެއިރެއްގައި އޮތް އިދިކޮޅު ޕާޓީއަކަށް ބުހުތާނު ދޮގުތަކެއް ހެދި ވެރިކަމުގައި ހުންނަވާ މީހަކު އިހުލާސްތެރިކަމާއެކު ކުރައްވާ މަސައްކަތްތަކާއިމެދުވެސް އޮޅުންތައް އަރައިގެންދިއުންކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މި ޒަމާނުގައި ސޯޝަލްމީޑިއާ މެދުވެރިކޮށް ކޮންމެ މީހަކަވެސް މޯބައިލް ފޯނެއް މެދުވެރިކޮށް ބޭނުން ގޮތަކަށް މައުލޫމާތު ފެތުރުމުގެ ފުރުސަތު އޮންނަކަމަށެވެ. މެމްބަރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ފަސޭހަކަމާއިއެކު ތަކުލީފެއް ނެތި ތަރައްގީގެ ކަންކަން އެބަޔަކު ތިބި ތަނެއްގައި ތިއްބާ ލިބިގަތުމަށްކަމަށެވެ. އޭގެ ތެރޭގައި ވަޒީފާގެ ފުރުސަތުތަކާއި އިގްތިސާދީ ފުރުސަތުތައް އަދި ތައުލީމާއި ސިއްހީ ކަންކަންވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
ނަސީރު ވިދާޅުވީ، އެ ފުރުސަތުތައް އެބަޔަކު ދިރިއުޅޭ ރަށަކުން ލިބިގަތުމަށް އެދޭއިރު އެ ލަނޑުދަނޑި ހާސިލުކުރެވޭނީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވެގެންކަމަށެވެ. އަދި މިހާރު ކަންކަން ހުރި ގޮތުން އެ ނޫން ހާލަތެއްގައި އޮޅުންތަކެއް އަރައިގެންދާނެކަމަށާއި އެ މިންވަރަށް މައުލޫމާތު ފަތުރާއިރު އޮޅުން އަރައިގެންދާކަމަށް ސިފަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އެކި ޕްލެޓްފޯމްތަކުގައި އެއް މައުލޫމާތެއް އެކި ގޮތްގޮތަށް ބަދަލުކޮށް ފަތުރާކަމަށާއި އެހެންކަމުން އާންމު ރައްޔިތުމީހާ އަދި އިސްވެރިންގެ ގޮތުގައި ތިއްބެވި މީހުންނަށްވެސް ބޮޑެތި އޮޅުންތައް އަރާކަމަށެވެ.
މެމްބަރު ނަސީރު ވިދާޅުވީ، މިޒަމާނުގައި މައުލޫމާތު ފެތުރުން ފަސޭހަވެފައިވާއިރު އެކި ޕްލެޓްފޯމްތަކުގައި އެއް މައުލޫމާތެއް އެކި ގޮތްގޮތަށް ބަދަލުކޮށްގެން ހިއްސާކޮށްފައިވާ މަންޒަރު ފެނިގެންދާކަމަށެވެ. އެހެންކަމުން ބޮޑެތި އޮޅުންތައް އަރައިގެންދިއުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުންވެސް މިއަދު މަސައްކަތްކުރަމުންދަނީ އެއް މޭޒެއްގެދޮށުގައި އެއް އަމާޒަކަށް ވާސިލުވުމަށްޓަކައިކަމަށެވެ.
އެގޮތުން މުޅި ދުނިޔެވެސް ތަހުޒީބާއި ދިމާލަށް ދަތުރުކުރާއިރު ހުރިހާ ގައުމެއް ގުޅިގެން އެގައުމަކާއި އަވަށްޓެރި ގައުމުތަކުގައިވެސް އަމާންކަންމަތީ ފަސޭހަކަމާއިއެކު އުޅެވޭނެ މާހައުލެއް ގާއިމުކުރުމަށްކަމަށެވެ. އަދި އެ މަސައްކަތްތަކުގައި ރާއްޖެއިންވެސް ކުރިއަށްދާކަމަށާއި އެންމެ އުނދަގޫ މަރުހަލާއެއްގައި ރާއްޖެ އޮއްވާ ވެރިކަން ކުރައްވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށެވެ. ނަސީރު ވިދާޅުވީ، އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް މިއީ އެންމެ ދަތި ވަގުތުކަމަށާއި މިއީ ރާއްޖެ އެންމެ ދަރަނިވެރިވެގެންދިޔަ ފުރުސަތުކަމަށެވެ.
ނަމަވެސް ސަރުކާރުންދަނީ ދަރަނިތައް ދައްކަމުންކަމަށާއި އެ މަސައްކަތްތައް ކުރަމުންދާއިރު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައްވެސް މެދުކެނޑިފައި ނުވާކަމަށެވެ. މެމްބަރު ވިދާޅުވީ، ސަރުކާރުންދަނީ ކެތްތެރިކަމާއި މަޑުމައިތިރިކަމާއިއެކު މުޖުތަމައަށް ބޭނުންވާ ވަޒީފާގެ ފުރުސަތުތައް ފަދަ ކަންކަންވެސް ފަހިކުރަމުންކަމަށާއި ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދެމުންދާކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، މުސްތަގުބަލުގައި އަންނަ ޖީލުތަކުން މިވެރިކަމުގެ ވާހަކަ ދައްކާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

