އަލްބޭނިއާގައި ޓިކްޓޮކް ޝަޓްޑައުންކޮށްލުމަށް އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފިއެވެ.
ނޫސްތަކުން ބުނާގޮތުން އަލްބޭނިއާގައި ޓިކްޓޮކް ޝަޓްޑައުންކޮށްލުމަށް ނިންމާފައިވަނީ 12 މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި އެ ނިންމުން ނިންމާފައިވަނީ ޒުވާނުންގެ ތެރޭގައި ހަލަބޮލިކަން އުފެދި ގަނާކުރުން ފަދަ މައްސަލަތައް އިތުރުވެގެންދިއުމާއި ގުޅިގެންކަމަށެވެ. އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރ މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ސަރުކާރުގެ އޮފިޝަލުންދަނީ ޓިކްޓޮކްއާއި މުއާމަލާތްތަކެއް ކުރަމުންކަމަށެވެ. އެގޮތުން ފިލްޓަރުތައް ހިމަނައި މައިންބަފައިންނަށް އިހުތިޔާރުތަކެއް ދިނުންފަދަ ބައެއް ޝަރުތުތައް ކަނޑައެޅުމުގެ އިތުރުން އަލްބޭނިއާގެ ބަސް ހިމެނުމަށްވެސް މަސައްކަތްކުރާކަމަށް ބުނެފައިވެއެވެ.
ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން މި މައްސަލައިގައި 65000 އަށްވުރެ ގިނަ ޕޭރެންޓުންނާއިއެކު 1300 އަށްވުރެ ގިނަ ބައްދަލުވުން ބާއްވާފައިކަމަށެވެ. އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރ މައުލޫމާތު ދެއްވިގޮތުން މައިންބަފައިންވަނީ ޓިކްޓޮކް ލިމިޓުކުރުމަށް ނުވަތަ ޝަޓްޑައުންކުރުމަށް އެދިފައިކަމަށެވެ. ކެބިނެޓުންވަނީ ނިމިދިޔައަހަރުގައިވެސް ޒުވާނުންތަކެއްގެ ދެމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަނުޖެހުން ހިންގުމާއި ގުޅިގެން ޓިކްޓޮކް ބަންދުކޮށްފައެވެ. އެ މައްސަލަ ފެށިގެންދިޔައީ ޓިކްޓޮކްގައި ހިނގި ޒުވާބަކަށް ފަހުއެވެ.
އަލްބޭނިއާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނެވެ. އެހެންކަމުން ޓިކްޓޮކް ޓްރެންޑުތަކުގައި ޖެހި ސުކޫލަށް ވަޅި ފަދަ ތަކެތި ގެންދިއުމުގެ މައްސަލަތައް ފެންމަތިވަމުންދިއުމުން މައިންބަފައިންދަނީ ކަންބޮޑުވުން ފާޅުކުރަމުންކަމަށާއި ކަމާއި ބެހޭ ފަރާތްތަކުގެ އެދުމަށް ބައެއް ސުކޫލުތަކުގައި ފުލުހުންވެސް ހަރަކާތްތެރިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

