ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އަގު އުފުލެމުންދާ މިރުހުގެ އަގު މިއަހަރު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. މިގޮތުން ރަމަޟާން މަސް ފެށުނުއިރު 100 ގުރާމް މިރުހުގެ އަގު 35 ރުފިޔާގައި ހުރި ނަމަވެސް، މިހާރު ވަނީ 15 ރުފިޔާއަށް ދަށްވެފައެވެ.
ފާއިތުވި އަހަރުތަކުގައި ރޯދަމަހާ ދިމާކޮށް މިރުހުގެ އަގު އަތްނުފޯރާ ހިސާބަށް އަރައިގެން ގޮސްފައިވާއިރު، 100 ގުރާމް މިރުސް 80 ރުފިޔާއަށްވެސް ވިއްކާފައިވެއެވެ. ނަމަވެސް މިއަހަރު ވަނީ މުޅިން ތަފާތު މަންޒަރެއް ފެންނަން ފަށާފައެވެ.
އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވިދާޅުވި ގޮތުގައި މިއީ ސަރުކާރުން ކުރިން ރާވައި ހިންގަމުންދާ މަސައްކަތްތަކުގެ ނަތީޖާއެކެވެ. ”ފާއިތުވި ރަމަޟާން މަހަކީ ތަކެތީގެ އަގު އުފުލިޔަ ނުދީ ހިފަހައްޓައި، ބާޒާރުން ތަކެތި ހުސްނުވެ ދިޔަ ހަމައެކަނި ފަހަރު،“ މިނިސްޓަރު ވިދާޅުވިއެވެ.
ރަމަޟާން މަހުގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ރާވާފައިވާ ޕްލޭންތައް ވަނީ ހާމަކޮށްފައެވެ. މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މިއަހަރުގެ ރަމަޟާން މަހަށްވެސް ސަރުކާރުން ވަނީ ކާބޯތަކެތީގެ ސިޔާސަތެއް އެކުލަވާލައި، އަގުތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށާފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ނޫން ނަމަވެސް، ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

