ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ މައްސަލައިގައި ކޮންމެވެސް ބައެއްގެ ބޮޑެތި ނުފޫޒުތަކެއް އޮތްކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ފަނޑިޔާރު އަޒްމިރަލްދާ އަމިއްލައަށް އެދިވަޑައިގެންފައިވަނީ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް، ޖޭއެސްސީން މިކަމަށް އިޖާބަ ދީފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މީގެ ކުރިން ޖޭއެސްސީން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެމީހަކު އެދިއްޖެ ހާލަތެއްގައި އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދާކަން ފެނިގެންދޭ. އެހެންވީމާ، މިފަހަރު އެކަން ނުކުރުމުން މީގެ ތެރޭގައި ކޮންމެވެސް ދިމާލަކުން ވަރަށް ބޮޑަށް ނުފޫޒު ވަދެފައިވާކަން ފެނިގެންދޭ،“ ނާޒިލް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާޒިލް ވިދާޅުވީ، ޖޭއެސްސީގެ ކޮމިޓީގައި ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުންނަށް އެއްވެސް ވަރަކަށް ވާހަކަދެއްކުމުގެ ފުރުސަތު ނުލިބޭ ކަމަށާއި، އަޑުއެހުން ނިމިގެންދިޔައީވެސް އެގޮތުގެ މަތިން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ވާހަކަ ކަމަށާއި، އެ ބޭފުޅުންނަށްވެސް ވަކި ދިމާލަކުން ފޯރުވަމުންދާ ނުފޫޒެއްގެ ސަބަބުން އިންސާފު ނުލިބިދާނެ ކަމަށް ފާހަގަކުރެއްވިއެވެ.
މިވަގުތު ސުޕްރީމް ކޯޓުގައި 7 ފަނޑިޔާރުންގެ ބަދަލުގައި 6 ފަނޑިޔާރުން ތިބި ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. ނަމަވެސް، މީގެ ކުރިން ކޯޓު ހިނގަމުންދިޔަ ގޮތާއި އަޅާބަލާއިރު، ފަހަކަށް އައިސް ކޯޓުގެ މައްސަލަތައް ބެލުމުގެ ރޭޓު ރަނގަޅު މިންވަރެއްގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކުޑަކުރުމަށް ޕީއެންސީން ހުށަހެޅި އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައި ވަނީ އެއީ ޤާނޫނުއަސާސީއާ ޚިލާފު ބިލެއްކަން ރައީސްއަށްވެސް ފާހަގަ ކުރެވިގެން ކަމަށް ގަބޫލުކުރެވޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.
”އަވަސް އަރުވާލައިގެން މަޖިލީހުން އެ ބިލު ފާސްކުރުމުގެ ބޭނުމަކީ އޭރު ހިނގަމުންދިޔަ ޝަރީއަތް ހުއްޓުވާލުން ކަމަށް ފެނިގެންދޭ،“ ނާޒިލް ވިދާޅުވިއެވެ.

