ސަރުކާރުން ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް ހުށަހެޅި އިޞްލާޙަކީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދަށުގައިވާ ބާރުތައް ސަރުކާރަށް ނެގުމުގެ މަޤްޞަދުގައި ހުށަހެޅި އިޞްލާޙެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙާ ގުޅޭގޮތުން ކުރެވުނު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވަނީ އިދިކޮޅު ފަރާތްތަކުން މި އިޞްލާޙާ ދެކޮޅަށް ފާޅުކޮށްފައިވާ ޚިޔާލުތަކަށް ރައްދު ދެއްވާފައެވެ. މި އިޞްލާޙާ ގުޅިގެން، ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދަށުގައިވާ ފަޅުރަށްތައް ދޫކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ނަގައި، ބާރުތައް އެއްކޮށްލުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ދެކޭކަމަށް ފާހަގަކުރެއްވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، މި އިޞްލާޙު ހުށަހެޅިފައިވަނީ އެއްވެސް ޙާލެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ބާރުތައް ނެގުމުގެ މަޤްޞަދުގައި ނޫންކަމަށެވެ. އޭގެ ބަދަލުގައި، މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމާ ގުޅޭ މިސާލެއްގެ ގޮތުން ނާޒިމް ފާހަގަކުރެއްވީ، ދިއްގަރު ފަޅާއި ވޭވަށު ފަޅުން ރިސޯޓު ތަރައްޤީކުރުމަށްޓަކައި 10 ހެކްޓަރުގެ ބިން 500,000 އެމެރިކާ ޑޮލަރަށް ދޫކުރެވިފައިވާކަމަށެވެ. ނަމަވެސް، މިފަދަ މަޝްރޫޢުތަކާ ގުޅުންހުރި މަސައްކަތްތައް ކުރް ކުރިއަށް ގެންދެވޭނެ ގޮތެއް ކައުންސިލްތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރިސޯޓެއް ތަރައްޤީކުރާނަމަ، އެކަން ކުރަންޖެހޭނީ ފަތުރުވެރިކަމާބެހޭ ޤާނޫނުގެ ދަށުންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންވީމަ ސަރުކާރުން މިހާރު މި އިސްލާހު ހުށައަޅަނީ މި، އެއްގޮތަކަށްވެސް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި އޮތްކަމެއްގެ ތެރެއަށް ރައީސުލްޖުމްހުރިއްޔާ އެބާރު ބޭނުންފުޅުވެގެންނެއް ނޫން.
ނާޒިމް ވިދާޅުވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅިފައިވާ އިޞްލާޙަކީ މި ކަންކަން ފަހިކޮށްދިނުމަށް ހުށަހެޅިފައިވާ އިޞްލާޙެއްކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މި އިޞްލާޙުގެ ސަބަބުން މިހާރު ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކާ ގުޅޭ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި އިޞްލާޙުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ކުރިއެރުން ލިބިގެންދާނެކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ކައުންސިލްތަކުން ނިންމާ ބައެއް ނިންމުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުތެރޭގައި ވޯޓަރ ބަންގަލޯ އެޅުމުގެ ހުއްދަ ދީފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ހުއްދަތައް މިނިސްޓްރީން ދޫކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައިވެއެވެ. މި މަސައްކަތްތައް މިހާރަށްވުރެ ޒިންމާދާރު ގޮތެއްގައި ކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

