ތަރައްގީ ނުކުރެވި ބަންދުކުރެވިފައިވާ ރިސޯޓުތަކުން ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމަށްޓަކައި ޓުއަރިޒަމް ގާނޫނަށް ހުށައެޅިފައިވާ އިސްލާހު ބޭނުންތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން އިސްމާއިލް ނިޒާރު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީން މަޖިލިސް މެމްބަރުންގެ މައްޗަށް ލާޒިމުކޮށްފައިވާ އެންމެ މުހިންމު މަސައްކަތަކީ ގާނޫނުތައް ހެދުމާއި، ގާނޫނުއަސާސީއާއި ގާނޫނުތަކަށް އެވަގުތަކު ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ގާނޫނުތައް އުވާލުމެވެ. އަދި މިއީ މަޖިލީހުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މަސައްކަތްތައްކަމަށް އެމެމްބަރު ފާހަގަކުރެއްވިއެވެ.
”ޓުއަރިޒަމް ގާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކަށް ބަލާއިރު އެންމެ މުހިންމުކަމަކަށް އޮތީ ޓުއަރިޒަމް ބޭނުމަށް ތަރައްގީކޮށް ހިންގާ ތަންތަން މަރާމާތުކުރުމަށްޓަކައި ބަންދުކުރުމާއި ގުޅޭގޮތުން ހިމަނާފައިވާ މާއްދާ،“ އިސްމާއިލް ނިޒާރު ވިދާޅުވިއެވެ.
އައްޑޫގައި މިވަގުތުވެސް ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ރިސޯޓެއް ބަންދުކުރެވިފައިވާތާ ޒަމާންތަކެއް ވެފައިވާކަމަށާއި، އެތަން ހުޅުވޭނެ މަގެއް އަދިވެސް ފެނިފައިނުވާކަން އެމެމްބަރު ފާހަގަކުރެއްވިއެވެ. ކޮވިޑްގެ ދުވަސްވަރު ރިސޯޓު ބަންދުކުރުމަށްފަހު، އޭރު އޮތް ސަރުކާރުން ރިސޯޓު އަނބުރާ އޮޕަރޭޝަނަލް ހާލަތަށް ގެނައުމުގައި ނުކުޅެދިފައިވާކަމަށްވެސް އެމެމްބަރު ވިދާޅުވިއެވެ.
އިސްމާއިލް ނިޒާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަތުގައި އޮތް 30 އިންސައްތަ ހިއްސާވެސް އެއްވެސް ޝަރުތެއް ނެތި ދޫކޮށްލާފައިވާކަން ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި ޓުއަރިޒަމް ގާނޫނަށް މިގެނެވޭ އިސްލާހުތައް މުހިންމުކަމަށް އެމެމްބަރު ވިދާޅުވިއެވެ.

