މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ދައުރު ކުރަން ނެރުނަސް އެކަން ކުރާނީ ޒިންމާދާރުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ، ކުރީ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ނަގައި ފައިސާ ޗާޕުކޮށްފައިވުމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ޖުމްލަ ދަރަނި 120 ބިލިއަނަށް އަރާތީ، އެމަނިކުފާނު ރައްޔިތުންނަށް ވައުދުވީ އެކަން ތަކުރާރު ނުކޮށް ސަރުކާރު ހިންގުމަށެވެ. އެކަން އެކި ޖަލްސާތަކައި، ބައްދަލުވުންތަކުގައި ވެސް ތަކުރާރުކޮށް ރައީސް ވިދާޅުވެފައި ވަނީ އެއް އަހަރު ދުވަހު ގައުމު ހިންގެވީ ދަރަނި ނުނަގައި ފައިސާ ޗާޕުނުކޮށް ކަމަށެވެ. އަދި އިގްތިސާދީ ގޮތުން އެޅި އެއްވެސް ފިޔަވަޅަކުން ރައްޔިތުނަށް އޭގެ ސީދާ އަސަރުކޮށްފައި ނުވާނެކަމަށް ވިދާޅުވި އެވެ.
މިގޮތަށް ކަން އޮއްވައި، ސަރުކާރުން 15 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅޭކަމުގެ އަޑުތައް މި ހަފްތާގައި ވަނީ ފެތުރިފަ އެވެ. އަދި އެގޮތަށް ފައިސާ ހޯދަނީ، ހުޅުމާލެއިން ބިމެއް ވިއްކައިގެންމަށް ވެސް ވާހަކަ ދެކެވެއެވެ.
ރަސްމީކޮށް މި ވާހަކަތަކާއި ގުޅޭގޮތުން ސަރުކާރުގެ ކަމާއި ގުޅުން ހުރި އެއްވެސް އިދާރާއަކުން ވާހަކަ ދައްކާފައި ނުވާއިރު އެމްއެމްއޭގެ ޑެޕިއުޓީ ގަވަނަރު މަގާމުން ވަކި ކުރުމަށް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އަދި ބޯޑުގެ ބައެއް މެމްބަރުން ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
މައްސަލައިގައި މިއަދު ނާޒިމް ވިދާޅުވީ، އެމްއެމްއޭއިން ފައިސާ ދައުރުކުރުމަށް ނެރުނު ނަމަވެސް، އެކަން ކުރާނީ ޒިންމާދާރުކޮށް ކަމަށެވެ. އެމްއެމްއޭއަކީ މަރުކަޒީ ބޭންކަށްވާއިރު ނާޒިމް ވިދާޅުވި ގޮތުގައި ވިޔަފާރީގެ ބޭނުމަށް ނަފާ ހޯދަން އެސެޓާއި ބިން ގަތުން އެ ބޭންކަށް ދޫކޮށްލަން ޖެހެއެވެ.
ނާޒިމް ވިދާޅުވީ މިވަގުތު އަޑުފެތުރިފައިވާ ގޮތަށް، ބޮޑެތި އަދަދުތަކުން ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ނަގަން ނޫޅޭކަމަށެވެ. ނާޒިމް ވިދާޅުވީ 14 ބިލިއަން ރުފިޔާ ނުވަތަ 20 ބިލިއަން ރުފިޔާ ނަގަން އުޅޭކަމަށް ބުނެ ވާހަކަތައް ދައްކަމުން ދަނީ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން އުފެއްދުމަށް ކަމަށެވެ.
އެއްހާސް ފަހަރު ދޮގު ހެދިޔަސް ދޮގު ވާނީ ހަމަ ދޮގަށް… އެ އަދަދު ތަކަކީ ކަނޑައެޅިގެން ބޮޑު، ދޮގެއް…
މީގެއިތުރުން ނާޒިމް ވިދާޅުވީ ސަރުކާރުން ފައިސާ ދައުރު ކުރަން ނެރުނަސް އެކަން ކުރާނީ، ޖާގަ އޮތް މިންވަރަކުން ކަމަށެވެ.
ނާޒިމް ވިދާޅުވީ ސަރުކާރުން 6 އިންސައްތައިގެ އިންޓްރެސްޓުގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކާފައިވާކަމަށެވެ. އަދި އެއީ 2 ބިލިއަން ރުފިޔާގެ ދަރަނިކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ސަރުކާރުން ފައިސާ ނެރެމުން ދާނީ ފިސްކަލް ސްޕޭސް އޮތް މިންވަރަކުން އެ ޖާގައިގެ ތެރެއިންކަމަށް ނާޒިމް ވިދާޅުވި އެވެ.
ބިން ގަތުމުގެ މުއާމަލާތާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ، އޭގެ ކުރިޔަށް ސަރުކާރުން އަދާކުރާނީ އެމްއެމްއޭގައި އޮތް ދަރަނިކަމަށެވެ. ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ އެ ދަރަންޏަކީ، ސުނާމީގެ ދުވަސްވަރު ނަގާފައިވާ ލޯނުތަކެކެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، އެމްޑީޕީގެ ސަރުކާރުގައި ޗާޕު ކުރި ފައިސާގެ ސަބަބުން ގައުމަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ތަކުރާރު ކުރައްވަމުންނެވެ. އަދި މި ސަރުކާރުން އެ ހާލަތުން އަރައިގަތުމަށް، އުނދަގޫ އެތައް މަސައްކަތެއް ކުރަން ޖެހުނުކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

