ސަރުކާރުން ފައިސާ ޗާޕުކުރުމަށް މަސައްްކަތްކުރަމުންދަނީ ރާއްޖެ އިގްތިސާދީ ކާރިސާއެއްގެ ތެރެއަށް ވައްޓާލުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ، ދުނިޔޭގައި ފައިސާ ޗާޕުކުރުމުގެ ހަމަތަކެއް އެކުލަވާލައި ގެންގުޅެމުންދާކަމަށެވެ. ވަކިން ހާއްސަ ގޮތެއްގައި އިގްތިސާދު ވަކި ހާލަތަކަށް ދިއުމުން ފައިސާ ޗާޕުކުރާކަމަށާއި ނަމަވެސް މިއަދު ސަރުކާރުން ފައިސާ ޗާޕުކުރުމަށް މަސައްކަތްކުރަމުންދަނީ އިގްތިސާދީ ކާރިސާއެއް އުފެއްދުމަށްޓަކައިކަމަށް ތުހުމަތުކުރެއްވިއެވެ.
މައުރޫފް ވިދާޅުވީ، މިވަގުތު ފައިސާ ޗާޕުކުރުން ސިފަކުރެވެނީ އެފަދަ ހާލަކަށް ގައުމު ވައްޓާލުމަށްޓަކައި ނުރައްކާތެރި ރަހުނެއް ކުރުމުގެ ގޮތުގައިކަމަށެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި އެކަން ކޮށްފައިވަނީ އިގްތިސާދީ ކާރިސާއަކުން ސަލާމަތްވުމަށްޓަކައިކަމަށާއި މިއަދު ކުރަމުންދަނީ ކާރިސާއެއްގެ ތެރެއަށް ގައުމު ވައްޓާލުމަށްކަމަށް ތަކުރާރުކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ދެކެވެމުންދާ ވާހަކަތަކުން ރާއްޖޭގެ އިގްތިސާދު އޮތީ ރަނގަޅު ހާލަތެއްގައިކަމަށް ބުނާ އަޑުއިވިގެންދާކަމަށެވެ. އެގޮތުން ފަތުރުވެރިން ރާއްޖެއަށް އަންނަ ވާހަކައާއި އިންތިހާއަށް އެރައިވަލްސްހުރިކަމަށް ބުނާ އަޑުވެސް އިވިގެންދާކަމަށް ފާހަގަކުރެއްވިއެވެ.
ނަމަވެސް ސަރުކާރުން އުޅެނީ ފައިސާ މެނޭޖުކުރަން ނޭނގިގެންކަމަށާއި ހަރަދުތައް ކުޑަކުރަންވެސް ނޭނގޭކަމަށް މެމްބަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ އިސްރާފުތައްވެސް ބޮޑުކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒު ރަސްކަމެއް ކުރެއްވުމަށް މަސައްކަތްކުރާތީއާއި ހުދުމުހުތާރު ހައްދުފަހަނައެޅި ޑިކްޓޭޓަރަކަށް ބަދަލުވާކަމަށްވުމުން އެމަނިކުފާނު އަމާޒުކުރައްވަނީ އައު ފައިސާ ޗާޕުކުރައްވަންކަމަށެވެ. މެމްބަރު ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެ ނޫޓުތަކުގައި އަމިއްލަ ފޮޓޯއެއް ޖެއްސެވުމަށްކަމަށެވެ.
މެމްބަރު ވިދާޅުވީ ކޮސް ކަންކަން ކުރައްވަމުންދަނީ އެ ސަބަބާއި ގުޅިގެންކަމަށާއި އެ ނިންމެވުންތަކުގެ މަތީ އަގުގައި އަގު ދައްކަންޖެހޭނީ އާންމު ރައްޔިތުންކަމަށެވެ. އެގޮތުން ރުފިޔާގެ އަގު ދަށްވެގެންދާނެކަމާއި އިންޓްރެސްޓް ރޭޓު ބޮޑުވެގެންދިއުމުގެ އިތުރުން ޓެކްސް ބޮޑުވެގެންދާނެކަންވެސް ދިވެހިން ދަންނަންޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ.

