އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގިތެއްގައި ޕޯޯޓް ރެސިޑަންސްގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާ ނިއްވާލުމުގައި އިސް ދައުރެއް އަދާކުރި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް އެ ކުންފުނިން ޝުކުރުއަދާކޮށް އަގުވަޒަންކޮށްފި އެވެ.
އަލިފާން ނިއްވުމުގައި ހިތްވަރު ދެއްކި މުވައްޒަފުންގެ ފޮޓޯ ހިއްސާކޮށް އެމްޕީއެލް ބުނީ ޕޯޓް ރެސިޑަންސްގެ އެޕާޓްމަންޓެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި އެ ދެ މުވައްޒަފުން ވެސް އަދާކުރީ މުހިންމު ދައުރެއް ކަމަށެވެ. އެގޮތުން ސީނަށް އެންމެ ފުރަތަމަ އިޖާބަ ދިނީ، ކުންފުނީގެ ސެކިއުރިޓީ ޑިޕާޓްމަންޓުގެ ދެ މުވައްޒަފުންކަމަށް ވާ މުހައްމަދު އައިހަމްއާއި، އަހުމަދު އާތިފްކަމަށް ފާހަގަކުރި އެވެ.
އެމްޕީއެލް ވަނީ އެ ދެ މުވައްޒަފުން ވެސް ދެއްކި ހިތްވަރާއި އަވަސް ހަރަކާތުގެ ސަބަބުން، އަލިފާންފަނޑު އިތުރަށް ފެތުރިޔަ ނުދީ ކޮންޓްރޯލްވި ކަމަށެވެ. އަދި ހާދިސާގައި ބޮޑު ގެއްލުމެއް ވުމުގެ ކުރިން އަލިފާން ނިއްވާލެވުނުކަން ފާހަގަކުރި އެވެ.
އަލިފާނުގެ ހާދިސާގައި އައިހަމް އާއި އާތިފް ދެއްކި ހިތްވަރާއި ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޕީއެލްގެ މެނޭޖްމަންޓުން ވަނީ ދެ މުވައްޒަފުންނާއި ވެސް ބައްދަލުކޮށްފަ އެވެ. އެމްޕީއެލް ވަނީ ދެ މުވައްޒަފުން ދެއްކި ހިތްވަރާއި، ކުރި އަގުހުރި ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.
މި އަލިފާން ނިއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ޕޯޓް ހިޔާ ކޮމެޓީގެ މެމްބަރ ނަވާޒް މުޙައްމަދު ސައީދާއި އެހެން ހުރިހާ މުވައްޒަފުންގެ ކުރި މަސައްކަތުގެ ވެސް އަގުވަޒަންކޮށްފައި ވެއެވެ. އަދި އެ މުވައްޒަފުންނަށް އެމްޕީއެލް ވަނީ ޕޯޓް ރެސިޑެންސްގައި ދިރިއުޅެމުން ދާ ހުރިހާ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.

