ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ހިންގުން، ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ގެ އަތުން ނަންގަވައި ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުއާއި ހަވާލުކުރިކަމަށް ދެކެވޭ ވާހަކަ ޕާޓީގެ ސެކޭޓްރީ ޖެނެރަލް މުއާޒް ހަލީމް ދޮގު ކުރައްވައިފި އެވެ.
އަސާސީ ގަވައިދާއި ހިލާފަށް، ޕީއެންސީގެ ހިންގުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަތުން ނެންގެވިކަމަށް ބައެއް މީޑިއާތަކުގައި މިއަދު ރިޕޯޓު ކުރި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަބްދުއްރަހީމް ދެމެދު ގުޅުން ގޯސްވެފައިވާކަމަށް، ރިޕޯޓުކޮށް ހަބަރުތަކުގައި ގެނެސްދީފައިވާ ގޮތުން ޕާޓީގެ އެކި ނިންމުންތައް ނިންމުމުގެ ބާރާއި ޗެއާޕާސަންގެ ޒިންމާ ހަވާލުކޮށްފައި ވަނީ ފަލާހުއަށެވެ.
މި ވާހަކައާއި ގުޅޭގޮތުން ”ސަންގު“ އާއި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ ދުވަހުން ދުވަހަށް ކުރަން ޖެހޭ އެކި މަސައްކަތްތައް ކުރުމާއި ހިންގުމާއި ގުޅުން ހުރި މައިގަނޑު މަސައްކަތްތައް ލީޑާޝިޕްގެ މަޝްވަރާގެ މަތީން އަބަދުވެސް ކުރިޔަށް ގެންދާނީ ސެކްޓްރީ ޖެނެރަލް ކަމަށް އޭނާ ވިދާޅުވިއެވެ.
އަސާސީ ގަވައިދު ބުނާ ގޮތުގެ މަތީން، ޕާޓީގެ ހިންގުމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވީ އަދިވެސް އަބްދުއްރަހީމްކަމަށް މުއާޒް ވިދަޅުވި އެވެ. އަގޮތުން ޕާޓީގެ ރައީސްގެ ލަފައާއި އެއްގޮތަށް ޕާޓީގެ އެކި ނިންމެވުންތައް ނިންމަވާނީ ޗެއާޕާސަންކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދާއި އެއްގޮތަށް މަގާމްތަކަށް އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އެގޮތުގައި އެބަތިއްބެވި ކަމަށާއި އެއްވެސް މަގާމަކަށް އެއްވެސް ބަދަލެއް އައިނަމަ އެކަން ޕާޓީގެ ސެކްޓްރީ ޖެނެރަލްއަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެހެން ކަމުން ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް މުއާޒު ވިދާޅުވިއެވެ.
ޕީއެންސީގެ އަސާސީ ގަވައިދުގައި ވަނީ، ޗެއާޕާސަންއަކީ ޕާޓީގެ ރައީސަށް ފަހު އެންމެ އިސް މަގާމު ކަމަށެވެ.

