ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަޔަކު ކޯޓަށް ހުށަހެޅީ ގާނޫނީ ވެރިކަމެއް ވައްޓާލުމުގެ ނިޔަތުގައި: އައިފާން

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ އިހުތިސާސްގެ ބޭރުން، އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ގޮތް ނިންމަން އުޅުމަކީ ހެދި ގޯހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.

އައިފާން މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބުވާ ޕާޓީ ދޫކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ދާތީ އެކަމަށް ވާހަކަ ދައްކަވަމުންނެވެ. ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިނެވެ. މި މައްސަލައަށް އިދިކޮޅު އެމްޑީޕީން ވަނީ ތަދައްހުލުވުވެފަ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އައިފާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނާއި ހިލާފަށް ނޫންކަމަށެވެ. އަދި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން އެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، ގާނޫނީ ހުރިހާ އިޖުރާއަތުތައް ފުރިހަމަކޮށްގެންކަމަށް އައިފާން ވިދާޅުވި އެވެ.

އައިފާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އެންމެ ފުރަތަމަ 7 އަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިތުރު ކުރީ އެމަނިކުފާނަށް ކޯޓުގައި ބޭނުންވާ މެޖޯރިޓީއާއި ބާރު ނެތުމުންކަމަށެވެ. އެއަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިތުރު އިސްލާހެއް ހުށަހަޅައި ދެ ފަނޑިޔާރުން ވަކިކުރިކަން އައިފާން ފާހަގަކުރެއްވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ގާނޫނު ހަދާ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް ފާޑު ނުކިޔޭނެކަމަށް ކަނޑައަޅާފައި އެބައޮތްކަމަށެވެ. އެހެންކަމުން އެފަދަ ނިންމުމެއް އޮއްވައި، ގައުމު ހަލަބޮލިކޮށްލުމުގެ ބޭނުމުގައި ބަޔަކު އިސްވެ ތިބެ ކޯޓަށް މައްސަލަ ހުށަހެޅީ ސިޔާސީ މަންފާއެއްގެ ބޭނުމުގައިކަމަށް އައިފާން ވިދާޅުވި އެވެ.

އައިފާން ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގެ ބޭނުމަކީ ގާނޫނީ ވެރިކަމަކަށް ލޮޅުން އަރުވާލައި ވައްޓާލުން ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭކަމެއްގެ މައްޗަށް، ބަސް ބުނުމަށް ނިންމި ނިންމުމަކީ ގޯސް ނިންމުމެއްކަމަށް އައިފާން ވިދާޅުވި އެވެ.

މުޅި ގައުމުގެ.. އަދި ދައުލަތެއްގެ ހަގީގަތުގައި ގާނޫނީ ހަމަތަކުގެ ތެރޭގައި އޮތް ވެރިކަމެއް ވައްޓާލުމަށް ނޫނީ އެ ވެރިކަން ތެރޭގައި ހައިޖާނު ހެދުމަށްޓަކައި މިކަހަލަ އެކި ފުރުސަތުތައް ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މަޖިލީހުގައި ތިބެގެން އެ ފުރުސަތު ދޭންޖެހޭނެކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ނުފެނޭ.. އެހެންވީމަ މި އިސްލާހު ގެނައީ އަޅުގަނޑުމެން ގެނައީ.. ގާނޫނީ ވެރިކަމެއް.. ބޭނުހާ ގޮތަކަށް ބަޔަކު ބޭނުންވީމައި ވައްޓާލަން ފުރުސަތު ދީފިއްޔާމުން ވަރަށް ނުބައި ޕްރެސިޑެންޓެއް މި ގާއިމުވެގެން މި ދަނީ.. އެހެންވީމަ އެ ފުރުސަތު ދެވިގެންނެއް ނުވާނެ.. އެހެންވީމަ ސުޕްރީމް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ނޫނީ ސުޕްރީމް ކޯޓުގެ މެންޑޭޓުގެ ތެރޭގައި ނެތްކަމެއް ސުޕްރީމް ކޯޓުން ކުރަން އުޅުނީ އެއީ އެންމެ ފުރަތަމަ ހެދި ގޯހަކީ..

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ މިވަގުތު މަޑުޖެހިފައިވާއިރު، އެ ކޯޓުގެ ދެ ފަނޑިޔާރަކު ތިއްބެވީ ސަސްޕެންޝަނުގަ އެވެ. އަދި ސުލޫކީ މައްސަލަ ބަލަން ފެށުމުން ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވި އެވެ.

ސުލޫކީ މައްސަލައިގައި ފަނޑިޔާރުންތައް ޖޭއެސްސީއަށް ހާޒިރު ކުރަމުން ގެންދާއިރު ތިން ބޭފުޅުން ވެސް ވަނީ ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދާކަމުގެ ތުހުމަތު ކުރައްވާފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: