ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރުމަށްޓަކައި ގާނޫނަށް ހުށައަޅާފައިވާ އިސްލާހު ތަސްދީގު ނުކުރެއްވުމަށް ނިންމެވި ސަބަބުތައް ރައީސް ޑރ މުޙައްމަދު މުއިއްޒު މަޖިލީހަށް ހިއްސާ ކުރައްވައިފިއެވެ.
ބަންޑާރަ ނައިބު ދެއްވި ލަފައަށް ބުރަވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވީ 11 މާރޗު 2025 ގައެވެ. އަދި ބިލު އަނބުރާ ފޮނުއްވެވި ސަބަބުތައް ރައީސް ވަނީ ސިޓީފުޅަކުން މަޖިލީހާ ހިއްސާ ކުރައްވާފައެވެ.
ރައީސް މި ބިލު އަނބުރާ ފޮނުއްވެވި ސަބަބުތައް ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި އަމީންއާންމު ވަނީ ވިދާޅުވެދެއްވާފައެވެ.
ސިޓީގައި ރައީސް ވިދާޅުވީ، ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރައްވާހާ ހިނދަކު ފަނޑިޔާރު މަޤާމުން ވަކިކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ފަނޑިޔާރަކު މަޤާމުން ވަކި ކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލު ނޫންކަމަށް ނުވަތަ މަޤާމާ އެކަށީގެންނުވާ ފަދަ އަމަލެއް ފަނޑިޔާރު ކުރައްވާފައިވާކަމަށް ޖޭއެސްސީއަށް ޤަބޫލުކުރެވި، މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވެގެންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިހާރު ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނެސްފައިވާގޮތަށް ބަލާއިރު، 7 ފަނޑިޔާރުންގެ އަދަދު 5 ށް ބަދަލުކުރުމަށް ފާސްކޮށް ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރާއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވެ މަސައްކަތް ކުރައްވާހާ ހިނދަކު އެ ފަނޑިޔާރުން ވަކިކުރަން އެ ކޮމިޝަނުން ހުށަހެޅިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އުޝާމް ދެއްވި ލަފައާ އެއްގޮތަށް ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން މިހާރު ބަލަމުން ދާއިރު، އަދި ޖިނާއީ ތުހުމަތުތަކެއް އޭސީސީންވެސް ތަހުގީގުކުރަމުންދާއިރު، އެ މައްސަލަތަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އައު އިސްލާޙުގެ ދަށުން ފަނޑިޔާރުން ޤާބިލު ނޫންކަމަށް ކަނޑައެޅުމުގެ އިޖުރާއަތެއް ހިންގުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫންކަމަށްވެސް އުޝާމް ދެއްވި ލަފާގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެއީ ހަމަހަމަކަމާއެކު ހުރިހާ ފަނޑިޔާރުން ޝާމިލުވާގޮތަށް ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް ފުރުސަތު ގެއްލިގެންދާނެކަމެއްކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.
އެހެންކަމުން ރައީސް ވަނީ ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުން ބޭރު ނުވެ، މަސައްކަތް ކުރައްވާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކި ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެހެންވެ، ބިލްގައި މިހާރު ކަނޑައަޅާފައިވާ ގޮތަށް އަމަލު ކޮށްފި ނަމަ އެ އުސޫލާ ފުށުއަރާނެކަން ފާހަގަ ކުރައްވާފައިވެއެވެ.
މީގެ އިތުރުން، ފަނޑިޔާރަކު މަޤާމުން ވަކި ކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލު ނޫންކަމަށް ނުވަތަ މަޤާމާ އެކަށީގެންނުވާ ފަދަ އަމަލެއް ފަނޑިޔާރު ކުރައްވާފައިވާކަމަށް ޖޭއެސްސީއަށް ޤަބޫލުކުރެވި، މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވެގެންކަމަށް ބަޔާންކޮށްފައިވާއިރު، އެގޮތުގެ މަތިން ވަކި ކުރެވޭ ފަރާތްތަކަށް ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުންނެކޭ އެއްގޮތަށް އިނާޔަތާއި އިމްތިޔާޒުތައް ދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަންވެސް ސިޓީގައި ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް އަލަށް ގެނައި އިސްލާޙުގައި އޮންނަނީ ފަނޑިޔާރުކަމުން ވަކި ކުރެވޭ މީހުންނަށްވެސް ޚާއްސަ އިނާޔަތްތަކާ އިމްތިޔާޒުތައް ލިބިދެވޭނެ ކަމަށެވެ. އެއީ ހަމަޖެހޭ އުސޫލެއް ނޫންކަން ރައީސްގެ ސިޓީގައި މިވަނީ ފާހަގަކުރައްވާފައެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ.
ކޯޓުތަކުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވުނު ޖަލްސާއެއްގައެވެ. ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަށް ބަދަލު ގެނައުމަށް މަގުފަހިކޮށްދޭ މި ބިލު ހުށައަޅުއްވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

