ސިލްސިލާކޮށް އިދިކޮޅު އެމްޑީޕީ ކުރިޔަށް ގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް ޒުބެއިރު ގަޔަށް ކަޅު ތެޔޮ ޖެހުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފި އެވެ.
ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވަނީ، އިހުތިޖާޖު ނިންމާލުމަށް ފަހު އެމްޑީޕީގެ އެހެން މެމްބަރަކާއި އެކު މަންދި ސައިކަލުގައި ދިޔަ މަގުމަތީ އެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު، ކުޑަ ފުޅިއަކަށް އަޅާފައި ހުރި ކަޅު ތެޔޮ މަންދިއަށް އަމާޒުކޮށް ޖެހީ މަޖީދީ މަގުންނެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުންނާއި ގުޅުވައި މަންދީ ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. އަދި މިދިޔަ ހަފްތާގައި އޮތް އެއްވުމެއްގައި އޭނާ ވަނީ ރައީސްގެ ދެކަނބަލުންގެ 18 އަހަރު ނުވާ ފިރިހެން ކުއްޖަކާއި ގުޅުވައި އެކި ތުހުމަތުތައްކޮށްފަ އެވެ. އެގޮތުން ވޭޕް ބޭނުން ކުރުން މަނާކުރުމަށް ނިންމީ އެ ކުއްޖާ ވޭޕް ބޭނުން ކުރާތީކަމަށް ބުނެ މަންދީ ވާހަކަ ދެއްކި އެވެ.
މައްސަލަ ގޯސްވެ، ސާޖިދާ ވަނީ މަންދިއާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަންގެ މައްޗަށް މަދަނީ ދައުވާ ކުރުމަށް ނިންމާފަ އެވެ. އަދި އޭގެ ފަހުން އެމްޑީޕީ މަންދިގެ ދިފާއުގައި ނިކުމެ، ވޭޕް ބޭނުން ކުރި ސަބަބުކަމަށް ބުނެ ދެއްކި ވާހަކަ ތަކުރާރު ކުރި އެވެ.
މަންދި ގަޔަށް ރޭ ކަޅު ތެޔޮ ޖެހީ، އޭނާ ބުނި ގޮތުގައި އެއްވުމުގައި އެ ވާހަކަ ދެއްކުމުންނާއި ސިޔާސީ ގޮތުން ހަމަލާ ދިނުމަށެވެ. އަދި ބައެއް މީހުން މިއީ ސަރުކާރު އަޑީގައި އޮވެ ހިންގިކަމެއްގެ ގޮތުގައި ތުހުމަތު ކުރި އެވެ.
މިކަމާއި ގުޅޭގޮތުން ސާޖިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަންދި ގަޔަށް ކަޅު ތެޔޮ ޖެހުން ކުށްވެރި ކުރާކަމަށެވެ. އަދި އެއްވެސް މީހަކަށް އެފަދައިން ހަމަލާތައް ދީ، އުނދަގޫ ކުރުން ބަލައިނުގަނެވޭކަމަށް ވިދާޅުވި އެވެ.
ފަސްޓްލޭޑީ ވަނީ މިވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފު ގާއިމު ކުރުމަށް ޖާގަ ދޭން ވެސް އިލްތިމާސް ކުރައްވާފަ އެވެ.

