ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކާއި ބެހޭ ގާނޫނަށް ހުށައެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަހުމަދު އަޒާން ގޮވާލައްވައިފިއެވެ.
ކޯޓުތަކާއި ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުތަކަކީ ގާނޫނު އަސާސީއާއި ހިލާފު އިސްލާހުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލްވެސް ވިދާޅުވެފައިވާކަން އަޒާންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަޒާން ވިދާޅުވީ މި ބިލު ފާސްކޮށް، މަޖިލީހުން ރައީސުލްޖުމްހުރިއްޔާއަށް ތަސްދީގުކުރުމަށް ފޮނުވުމުން ބަންޑާރަ ނައިބުވެސް ބިލުގައި ހުރި ބައެއް މާއްދާތައް ގާނޫނު އަސާސީއާއި ހިލާފުކަމަށް ވިދާޅުވެފައިވާކަމަށް ފާހަގަކޮށް އަޒާން ވިދާޅުވީ، މި ބިލާއިމެދު ވާން ޖެހޭ ގޮތް ވަރަށް ސާފުކަމަށެވެ.
އޭނާ ހިޔާލުދެއްވީ ބިލު މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށެވެ.
ކޯޓުތަކާއި ފަނޑިޔާރުގެތައް އިސްލާހުކުރަން ޖެހިފައި އޮތްކަން އޭނާވެސް ގަބޫލުކުރައްވާކަމަށް އަޒާން ވިދާޅުވިއެވެ. ނަމަވެސް ކަންކަން ބައްޓަން ކުރަން ޖެހޭނީ ފާޑުކިޔުން އަމާޒުނުވާނެހެންކަމަށް އަޒާން ވިދާޅުވިއެވެ.
އެއީ މި ރާއްޖޭގެ އެންމެންވެސް ގަބޫލުކުރާކަމެއް، އެހެން ނަމަވެސް ކަމެއް ކުރާއިރު، އެކަމެއް ކުރަން ޖެހޭނީ އެއްވެސް ބަޔަކަށް އެކަމާއިމެދު ފާޑު ނުކިޔޭ ކަހަލަ ގޮތަކަށް.
އަޒާން ވިދާޅުވިއެވެ.
ފާއިތުވީ 15 ވަރަކަށް އަހަރު ފެނުނީ އަވަސް އަރުވާލައިގެން ފަނޑިޔާރުގެތަކަށް ބަދަލު ގެނައި މަންޒަރުކަމަށް ފާހަގަކޮށް އަޒާން ވިދާޅުވީ އަނެއްކާ އެކަންކަން ތަކުރާރުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.
މި ދަނޑިވަޅަކީ ދިވެހިރާއްޖެ ބޭރު ގައުމުތަކުގެ ފަރާތުން މާލީ އެހީއަށް ބޭނުން ވެފައި އޮތް ދަނޑިވަޅެއްކަމަށް ފާހަގަކޮށް އަޒާން ވިދާޅުވީ އަންނަ އަހަރު 1 ބިލިއަން ޑޮލަރު ދައްކަން ޖެހިފައި އެބައޮތްކަމަށެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މާލީ ގޮތުން ގައުމުތަކަށް ރޭޓު ކުރުމުގައި ފަނޑިޔާރުގޭގެ މިނިވަންކަމާއި، އެމްއެމްއޭ ފަދަ އިދާރާތަކުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ. ޖުމްލަކޮށް މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުވުން ވަރަށް މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
އަވަސް އަރުވާލައިގެން މި ތަންތަނަށް ބަދަލު ގެނައިސްފިނަމަ އަނެއްކާވެސް ރޭޓިން ދަށްވާނެކަމަށް އަޒާން ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ މާލީ އެހީތައް ލިބުމުގައި ދަތިތަކާއި ކުރިމަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޖަޒުބާތުގައި ޖެހިގެން ކުރާ ކަންކަމުގެ ގެއްލުން ލިބޭނީ ދިވެހި ރައްޔިތުންނަށާއި ގައުމަށް އަދި ޕާޓީއަށްކަމަށް އަޒާން ވިދާޅުވިއެވެ.

