ކަނޑުއޮތްގިރީގައި ”ކުރެހި“ މަސް ޕްރޮސެސްކުރާ ޔުނިޓު ދެން ކުރިއަށްގެންދާނީ ލޮޖިސްޓިކްސްގެ ފަސޭހަކަންވެސް އޮންނާނެ ގޮތަށް އެކްސްޕޯޓް ކުރެވޭ ސަރަޙައްދެއްކަމަށްވާ ހުޅުމާލޭގައިކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އާއި، ދިވެހި ސަރުކަރާ ގުޅިގެން މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ހަމަޖެހިފައިވާ 65 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން ކަނޑުއޮތްގިރީގައި 35 ޓަނުގެ މަސް ޕްރޮސެސްކުރާ ޔުނިޓެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިފްކޯއިން ބުނީ، މުޅި މަޝްރޫއުގެ ކުރެހުމާ ހަމައިން ފެށިގެން އޭރު މި މަސައްކަތް ކުރުމަށް ކަނޑުއޮތްގިރި ހަމަޖެހިފައިވީނަމަވެސް، ކެބިނެޓުގެ ނިންމެވުމާއެކު މިފްކޯއިން މިހާރު ނިންމާފައިވަނީ ހުޅުމާލެއިން ބިމެއް ލިބޭގޮތަށް ކަނޑުއޮތްގިރި ދޫކޮށްލުމަށް ކަމަށެވެ.
އެހެންކަމުން ކެބިނެޓުގެ ނިންމެވުމާ އެއްގޮތަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު މިފްކޯއަށް މި ފެސިލިޓީ ޤާއިމުކުރުމަށް ބިމެއް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އަދި މިކަމުގައި ފިޝަރީޒް މިނިސްޓްރީންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.
މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނިން މިހާރު އިއުލާނުކޮށްފައިވާ އާންމު ޕްރޮކިއުމަންޓުގެ ނޯޓިސްއަކީ ލޯނުގެ އެންމެހައި ކަންކަން ހަމަޖެހި، އައިއެސްޑީބީއާއި ފިނޭންސް މިނިސްޓްރީއާ ދެމެދު އެގްރީމަންޓުގައި ސޮއިކުރެވި، އަދި ޕްރޮޖެކްޓުގައި ހިމެނޭ އެކިއެކި ބައިތަކުގެ އިދާރީ މަސައްކަތްތައް ފެށުނުކަން ހާމަކުރުމުގެ ގޮތުން ކުރި އިއުލާނެކެވެ.
މީގެ އިތުރުންވެސް ކުރިއަށް ހުރި މިފަދަ ޕްރޮކިއުމަންޓުތައް ހާމަކުރަމުންދާނެކަމަށް މިފްކޯއިން ފާހަގަކޮށްފައިވެއެވެ.
މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަނޑުއޮތްގިރީގައި ”ކުރެހި“ މަސް ޕްރޮސެސްކުރާ ޔުނިޓު ދެން ކުރިއަށްގެންދާނީ ލޮޖިސްޓިކްސްގެ ފަސޭހަކަންވެސް އޮންނާނެ ގޮތަށް އެކްސްޕޯޓް ކުރެވޭ ސަރަޙައްދެއްކަމަށްވާ ހުޅުމާލޭގައެވެ. މިފްކޯގެ އުއްމީދަކީ އެ ފެސިލިޓީން މަސް ޕްރޮސެސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަންވެސް ފާހަގަކޮށްފައިވެއެވެ.

