ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކާއި ގުޅޭގޮތުން ޚާއްޞަ އޮޑިޓެއްކޮށް، އެ އޮޑިޓުން، ބިންވެރިޔާ ސްކީމާ ގުޅޭ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަނުން ހުށައަޅައިފިއެވެ.
އެޗްޑީސީން ބުނެފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު އެއް ބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޢިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށައަޅައިފައިވާ ކަމަށެވެ. އެހެންކަމުން އެޗްޑީސީގެ ސަމާލުކަމަށް އެކަން އައިސް، އިތުރަށް އެ މައްސަލަ ބަލައި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކާއި ގުޅޭގޮތުން ޚާއްޞަ އޮޑިޓެއްކޮށް، އެ އޮޑިޓުން، ބިންވެރިޔާ ސްކީމާ ގުޅޭ މިފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައި ވާތީ، އެ މައްސަލަތައް އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި، ފުލުހުންނަށް ހުށައަޅައިފައިވާކަމަށް ވަނީ ބުނެފައެވެ.
ކުރިއަށްއޮތް ތަނުގައިވެސް، މިފަދަ ކަންކަން ބަލައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޗްޑީސީގެ ފަރާތުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ފަރާތްތަކަށް އަރުވާ ކަމަށް ވަނީ ބުނެފައެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނަޒާޙަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމަށް ކަމަށް ވަނީ ބުނެފައެވެ.

