ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނުފޫޒު ފޯރުވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ މައްޗަށް ބާރުފޯރުވާފައިކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މައުރޫފް މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރު ކުރުމުގައި ދޭން ޖެހޭކަމަށް ބުނާ 14 ދުވަހުގެ ނޯޓިސް 3 ދުވަހަށް ކުރުކޮށް ގެނައި އިސްލާހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. މި އިސްލާހު މަޖިލީހުގައި މިއަދު ފާސްކުރިއިރު، އެމްޑީޕީގެ މެމްބަރުން ވަނީ ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުމުގައިއާއި ސިޓީ ފޮނުވައިގެން ޖަވާބު ހޯދުމަށް ދަތިތައް ދިމާވާތީ އެކަމަށް ކަންބޮޑުވުންފާޅުކޮށްފަ އެވެ.
މަޖިލީހުން މިއަދު ފާސްކުރި އިސްލާހުގައި ވަނީ، ބަންދު ދުވަސްތައް ހިމަނައިގެން ކޮމިޓީއަށް ހާޒިރުވުމަށް ފޮނުވާ ނޯޓިސް ތިން ދުވަހަށް ބަދަލު ކުރުމަށެވެ.
މަޖިލީހުގެ އާންމު ކޮމިޓީގައި މި އިސްލާހު ގެނައުމަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ނަސީރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައުރޫފް ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމުގެ މަރުހަލާ އަވަސް ކުރަންކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ މަގްސަދެއް ހާސިލު ކުރުމަށް، މަޖިލީހުގެ ގަވައިދުތަކަށް ބަދަލު ގެންނަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒާއި ބާރުގައި ޖެހިކަމަށް މައުރޫފް ވިދާޅުވި އެވެ.
މަޖިލީހުގެ މަސައްކަތްތައް ބައްޓަންވެފައި ވަނީ ރައީސް ބޭނުންފުޅުވާ ގޮތަކަށްކަމަށް ތުހުމަތު ކުރައްވައި މައުރޫފް ވިދާޅުވީ ޕީއެންސީގެ މެމްބަރުން މަސައްކަތް ކުރަނީ ވެސް އެ ނުފޫޒުގައި ޖެހިކަމަށެވެ. އަދި އެންމެ ބޮޑު ނުފޫޒެއް އޮތީ މަޖިލީހުގެ ރިޔާސަތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އަށްކަމަށް މައުރޫފް ވިދާޅުވި އެވެ.
ބޮޓުންތަކެއް އޮޕަރޭޓު ކުރާ ގޮތަށް، މިތަން މި އޮޕަރޭޓު ކުރަނީ..
އެހާހިސާބުން މައުރޫފްގެ ވާހަކަ ހުއްޓުވައި، އަބްދުއްރަހީމް ވިދާޅުވީ މިއީ ރަމަޟާން މަސްކަމަށާއި އެހެންކަމުން އާންމު ގޮތެއްގައި އޭނާ ގެންގުޅުއްވާ ހިޔާލުތައް ދޫކޮށް ރަނގަޅަށް ވިސްނުމަށް އެދޭކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިހާނެތި ބަސްތައް ބޭނުންކޮށްގެން އެއްވެސް މެމްބަރަކު ވާހަކަ ނުދެއްކެވުމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިޔަށް ދަނީ، އެއްވެސް ނުފޫޒެއް ނެތި އޮންނަ ގަވައިދާއި އުސޫލުގެ ތެރެއިންކަމަށެވެ.
ވަޒީރުންނާއި ސުވާލު ކުރުމަށް ހާޒިރު ކުރުމުގެ ގަވައިދަށް ގެންނަ އިސްލާހާއި ގުޅޭގޮތުން މައުރޫފް ވިދާޅުވީ މެމްބަރުންގެ އެތައް ކަންބޮޑުވުމަކާއި ގުޅުވައި ސުވާލުތައް ހުށަހަޅާފައިވާނެކަމަށެވެ. މައުރޫފް ވިދާޅުވީ 14 ދުވަހުގެ ތެރޭގައި ވަޒީރު ހާޒިރު ކުރަންޖެހޭކަމަށް ގަވައިދު ބުނާކަމަށާއި، ލިއުމުން ޖަވާބު ހޯދަން ހުށަހަޅާ މައްސަލަތަކުގައި ގަވައިދު ބުނާ ގޮތުގެ މަތީން އެކަން ކުރިޔަށް ނުގެންދެވޭކަމަށެވެ.
ސާދަ ދުވަސް ވެގެން ގޮސް، އެއް މަސް ވެގެން ގޮސް.. ދެ މަސް ވެގެންދާއިރު އަޅުގަނޑު ދުށިން ނޫހެއްގައި ޖަހާފައި އޮއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައޭ މިތަނަށް ވަޒީރުން ހާޒިރު ނުކުރަން.. މިއީ ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫން.. އެކަން ވާކަމުގައިވަނަމަ އާންމު ކޮމިޓީން އެތައް ދުވަހަކު މަސައްކަތްކޮށްގެން.. ރޭގަނޑު ނުނިދައި ތިބެ ގަވައިދު ބަދަލު ކުރީމާ.. އެއަށް އަމަލު ނުކުރެވެންޏާމުން ކޮބައިތޯ އޭގެ ބޭނުމަކީ..
މައުރޫފް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ނަމަވެސް، ކަން ހިނގަމުން ދަނީ އެ އުސޫލަކުން ނޫންކަމަށެވެ. އަދި ވިދާޅުވީ ފެންނަނީ ގައުމުގެ ވެރި މީހާ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ނަންގަވައި އެއްބާރުގެ މައްޗަށް ވެރިވެގެންފައިވާ މަންޒަރު ކަމަށެވެ.

