ކުޑަކުދިންނަށް ފުރައްސާރަކޮށް، އެ ކުދިންގެ ކަރާމާތް ނަގާލުމަކީ އެމްޑީޕީގެ އަބަދުވެސް ސިފަކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި، ރައީސަށް އެންގިވަޑައިގަތުމަކާއި ނުލައި ވަޒީރުން ހާޒިރު ނުކުރެވޭނެކަމަށް އަންގާފައިވާކަމަށް މިއަދުގެ ޖަލްސާގައި ވިދާޅުވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. މައުރޫފް ވިދާޅުވީ މުޅި މަޖިލީހުގެ މަސައްކަތް މިހާރު އަތުރާލާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ކަމަށެވެ. މިއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ކަން ހިނގައިގެން ވާނެ ގޮތެއް ނޫންކަމަށް ވިދާޅުވެ މައުރޫފް ސަރުކާރަށް ފާޑުކިއުން އަމާޒު ކުރެއްވި އެވެ.
މައުރޫފްއަށް ރައްދު ދެއްވައި، ދީދީ ވިދާޅުވީ މަސައްކަތެއް ނުކޮށް ވަޒީރުންނާއި ސުވާލު ކުރުމެއް ނެތި ފަސް އަހަރުގެ މަޖިލީހުގެ ދައުރެއް ނިންމާލީ އެމްޑީޕީކަމަށެވެ. އެގޮތުން އެތައް ބިލެއްގެ މަސައްކަތް ނުނިންމައި ތާށިކޮށްފައި އޮތްކަން އެއީ ޔައުމިއްޔާތަކުން ފެންނަން އޮންނާނެ ހަގީގަތެއްކަމަށް އޭނާ ވިދާޅުވި އެވެ.
މި ރާއްޖޭގައި ރަސްކަމެއް ނުކުރޭ.. ގާނޫނުއަސާސީގެ ދަށުން ކުރަނީ ރިޔާސީ ނިޒާމަކުން ކުރާ ވެރިކަމެއް… އެބޭފުޅާއަށް އެ ވަރު ނޭނގި އެ ވާހަކަ ދައްކަވަންޏާ އެއީ މިކަމާ ބެހޭ ގޮތުން ވިސްނަން ޖެހޭކަމެއް.. މި ރާއްޖޭގައި އޮތީ ރަސްކަމަކޭ އެތައް ފަހަރަކު ބުނެފި މިހާރު.. އެކަން މި ރާއްޖޭގެ ރައްޔިތުން ނިންމާފައި އޮތީ ޖުމްހޫރީ ވެރިކަމެއްގެ ތެރެއިން ވެރިކަމެއް ކުރަން ރައީސަކު މި އައްޔަނު ކުރަނީ.. އެހެންވީމަ އެކަހަލަ ވާހަކަ، ރަމަޟާން މަހެއްގައި ދޮގު އިލްޒާމު އެޅުވުމަކީ އަޅުގަނޑުމެން ގަބޫލު ކުރާކަމެއް ނޫން..
ދީދީ ވިދާޅުވީ މީޑިއާތަކުގައި ހުރި ހަބަރުތަކުގެ ވާހަކަ އެމްޑީޕީގެ މެމްބަރުން ދައްކަވާއިރު، އޭގެއިން ކޮންމެ ރިޕޯޓެއްގައި ވަނީ ހަގީގަތަކަށް ނުވާނެކަމަށެވެ. އަދި އެމްޑީޕީގެ ޖަލްސާތަކުގައި ސަރުކާރާއި ގުޅޭގޮތުން ވެސް ދައްކަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައްކަމަށް ވިދާޅުވި އެވެ.
ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް ގޮވާލައި ދީދީ ވިދާޅުވީ، ސިޔާސީ ގޮތުން ހިޔާލުތަފާތުވުމަކީ ރައްޔިތުންނަށް އޮޅުވާލުން ނޫންކަމަށެވެ.
ދީދީ ވިދާޅުވީ، އިޒްރޭލު ޕާސްޓުޕޯޓު މަނާ ކުރުމަށް ގޮވާލައި، އެމްޑީޕީ އިހުތިޖާޖުތައް ކުރާއިރު އެ ގައުމަށް ހިތްވަރު ދީ އެމެރިކާ ފަދަ ގައުމުތަކުގައި ވާހަކަ ދެއްކި ޕާޓީއަކީ އެއީކަމަށެވެ.
މި ބޭފުޅުންގެ ޖަމާއަތްތަކުންނޭ ދުނިޔޭގައި ހަނގުރާމަތަކާއި އެއްޗެހި ހިނގާއިރު، އެމެރިކާއަށް މިދޭތެރެއަކުން އިންތިހާބުތަކުގައި ގޮސްގެން އެތަނުގައި ކެމްޕެއިންކޮށް އިޒްރޭލަށް ހިތްވަރުދީ ހެދީ.. އެކަމަކު އިރުއިރުކޮޅާ ޕާސްޕޯޓުގެ ވާހަކަ އެބަ ދައްކާ.. ޕީއެންސީގެ މެމްބަރުންނެއް ނުދޭ އެތާކަށް..
މީގެއިތުރުން ދީދީ ވިދާޅުވީ އެމްޑީޕީގެ ސިފައަކީ ކުޑަކުދިންނަށް ފުރައްސާރަކޮށް، ރައްޔިތުންނަށް އުނދަގޫކޮށް ސިޔާސީ ހަރަކާތްތައް ހިންގުން ކަމަމަށެވެ.

