ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ކުރުމަށް ދޭ ނޯޓިސްގެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށް ގަވައިދަށް އިސްލާހު ގެނެސްފި އެވެ.
މަޖިލީހުގެ އާންމު ކޮމިޓީގެ ނިންމުމާއި ގުޅޭގޮތުން، މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރު ފާޑުކިޔައި މިއީ ވަކި މަގްސަދެއްގައި ގެންނަ އިސްލާހެއްކަމަށް ވަނީ ބުނެފަ އެވެ.
އިހަވަންދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ނަސީރު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ގަވައިދުގެ 180 ވަނަ މާއްދާގެ (ރ) އާއި (އ) އިސްލާހު ކުރުމަށެވެ. އެ މާއްދާގައި ކުރިން އޮތީ ކޮމިޓީއަށް މީހަކު ހާޒިރު ކުރުމަށާއި މައުލޫމާތެއް ސާފު ކުރުމަށް ނުވަތަ ލިއުމުން ޖަވާބުދާރީވުމަށް އަންގާނަމަ ދޭން ޖެހޭނީ ބަންދު ދުވަސްތައް ނުހިމަނައި ފަސް ދުވަހުގެ ނޯޓިސްއެއް ކަމަށެވެ.
ނަސީރު ހުށަހަޅައި، މަޖިލީހުން މިއަދު ގެނައި އިސްލާހަކީ ބަންދު ދުވަސްތައް ހިމަނައިގެން މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށެވެ.
ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، މަޖިލީހުގެ ގަވައިދަށް ގެންނަ އެ އިސްލާހު ފާސްކޮށްފައި ވަނީ 50 މެމްބަރުންގެ ތާއީދާއި އެކު އެވެ. އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މި އިސްލާހަށް ތާއީދުކޮށް ވޯޓު ދެއްވީ މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރާއި، ކެޔޮދޫ ދާިއރާގެ މެމްބަރު މުހައްމަދު ނިއުޝާދެވެ.
ވޯޓަށް އެހި ވަގުތު، އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ތަޅުމުގައި ތިއްބެވި ނަމަވެސް އެ މެމްބަރުން ވޯޓުގައި ބައިވެރިވެފައި ނުވެއެވެ.
ކޮމިޓީ ރިޕޯޓާއި ގުޅޭގޮތުން ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ އެ ޕާޓީގެ ބޭނުމަކީ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ރައްޔިތުންނަށް ހިދުމަތް ދިނުންކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް މަޖިލީހުން ޖަވާބުދާރީ ކުރުވަން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ.

