މަޖިލީހުގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ކަންކަން ނިންމުމަށް ބާރު ނުފޯރުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ނުފޫޒު އެބައޮތްކަމަށާއި، ބިލުތައް ހުށަހަޅައި ފާސްކުރަމުން ދަނީ ރައީސް ބޭނުންފުޅުވާ ގޮތަށްކަމަށް މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރި އެވެ. އަދި މަޖިލީހުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވި، ބިލުތައް ފާސްކުރަމުން ދަނީ ރަބަރ ސްޓޭމްޕް ޖަހާ އުސޫލުންކަމަށް ވެސް ބުނެފައި ވެއެވެ.
ބައެއް މެމްބަރުންގެ ވާހަކައިގައި ވަނީ ރިޔާސަތުގައި ހުންނަވައި އަބްދުއްރަހީމް ވެސް، އެކަންކަމަށް ޖާގަ ދެއްވާފައިވާކަމަށާއި އަބްދުއްރަހީމް ވެސް މަޖިލިސް ހިންގަވަނީ ރައީސް އަންގަވާ ގޮތަށްކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މެމްބަރުންގެ ވާހަކަތަކާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް ހިނގަމުން ދަނީ ގަވައިދުގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުޅި މަޖިލީހުގެ ކޮންޓްރޯލް ނަންގަވާފައިވާކަމަށް ބުނެ ދައްކާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އަމަލު ކުރަމުން ދަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަމުން، މަޖިލީހުގެ މަސައްކަތްތަކަށް ރައީސް ބާރު ނުފޯރުވާނެކަމަށެވެ. އަދި މަޖިލީހާއި ވެރިކަން ކުރާ ބާރު ވެސް މަސައްކަތް ކުރަމުން ދަނީ މިނިވަންކަމާއި އެކުކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަ މެޖޯރިޓީ މިތާ އޮތުމަކީ އެއީ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު މި ތަން ކޮންޓްރޯލު ކުރާކަމަށް ވިދާޅުވެވޭނެ ސަބަބެއް ނޫން..
އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވާހަކަ ދައްކަވާއިރު، އެހެން މެމްބަރުންނަށް އިހާނެތިކަމެއް ލިބޭނެ ފަދަ ގޮތަކަށް ވާހަކަތައް ކުރިޔަށް ނުގެންދެވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ވިދަޅުވީ މިއީ ރަމަޟާން މަސްކަމަށްވިމާއި އެކު ކޮންމެ މެމްބަރަކު ވެސް ދައްކަވާ ވާހަކައަށް ރަނގަޅަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ.

