ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2020 ގެ ފޮނި ތަސައްވުރާއިއެކު ފޯރުކޮށް ނުދެވުނު އަސާސީ ހިދުމަތްތައް!

ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރެމެން 2020ގެ ތަސައްވުރާއެކު ރާއްޖެ އައު އުސްމިންތަކަކަށް ދާނެ ކަމަށް އުންމީދު ކުރީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެންނެވެ. އެއީ 1999ވަނަ އަހަރު ރާއްޖޭގެ 34 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި 2020 ވަނަ އަހަރު ރާއްޖެ އޮންނާނެ ގޮތުގެ ތަސައްވުރެއް ބަޔާންކޮށްދެއްވުމުންނެވެ. ވިހިވިހީގެ ތަސައްވުރުގައި ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުފަންތީގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްފައިވާ ގައުމަކަށް ވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

އެ ތަސައްވުރުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޓާސްކް ފޯހެއް އެމަނިކުފާނު އެކުލަވާލެއްވިއެވެ. ހަމްދޫން ހަމީދު ޗެއާ ކުރެއްވި އެ ޓާސްކް ފޯހުން ވަނީ 2020 ގެ ތަސައްވުރު ހާސިލްކުރުމަށްޓަކައި އަޅަންވީ ފިޔަވަޅުތައް ހިމެނޭ، ”2020 ގެ ތަސައްވުރު – ދާއިރާތަކުގެ މާރެސް“ ފޮތް ތައްޔާރުކޮށްފައެވެ.

އެއީއަކު ރާއްޖެއަށް ދުވަހަކު ނާންނަ ވަރުގެ އިންގިލާބީ ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ތިބެވުނީ ދިގު އިންތިޒާރެއްގައެވެ. ރާއްޖޭގައިވެސް ބޭރުގެ ކުރިއަރައިފައިވާ ގައުމުތަކުގައި ފެންނަ އައު ޒަމާނީ އީޖާދު ތަކާއި ވަސީލަތްތައް ފެންނާނެ ކަމަށެވެ.

އެހެންނަމަވެސް 2020 ވަނަ އަހަރު ޢަހަރެމެންނާއި ބަދަލުކޮށް ހިނގައްޖެއެވެ. އަދި އޭގެ ފަހަށް 5 އަހަރުވީއެވެ. އެބުނާ “2020ގެ ތަސައްވަރެއް”ނައެވެ. ރާއްޖޭގައި ވަރަށް ގިނަ ކަންކަން ބަދަލުވެ ވަރަށް ގިނަ ކާމިޔާބީތައްވެސް ހޯދައިފިއެއެވެ. އެހެންނަމަވެސް ބަދަލު ނުވި އެއްޗަކީ ރައްޔިތުންގެ ހާލަތެވެ. އޭރުވެސް ރައްޔިތުން އެދެމުން ދިޔައީ އަސާސީ ޙިދުމަތްތައް ފުރިހަމަކޮށް ދިނުމަށްށެވެ. މިއަދުވެސް އެ އަޑަކަށް ބަދަލެއް ނާދެއެވެ. އެކަން އެންގޭ އެންމެ ބޮޑު އެއްހެއްކަކީ ކޮންމެ ވެރިކަމެއްގައިވެސް ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ވައުދުވުމެވެ. އަދި އެ ވައުދު 5 އަހަރުގެ ތެރޭގައި ނުފުއްދި އޮތުމެވެ. ގައުމަށް އުމްރާނީގޮތުން ބޮޑެތި ބަދަލުތަކެއްވެސް އައިސްފިއެވެ. ރަށް ރަށުގައި ޒަމާނީ ފެންވަރަށް މަގު ހެދުމާއި ބޮޑެތި އިމާރާތްތައް އެކި ސިފަސިފައިގައި އެޅުމާއި، ބްރިޖުތައް ރާއްޖޭގައި ގިނަވާން ފެށުމާއި މިފަދަ އުމްރާނީ އެތަކެއް ތަރައްގީތަކެކެވެ.

ނަމަވެސް މިހުރިހާ އަހަރުތަކެއް ވެގެން ދިޔައިރުވެސް ރައްޔިތުންނަށް ބޯފެން، ނަރުދަމާ، 24 ގަޑިއިރު ކަރަންޓު، ބޯހިޔާ ވަހިކަން އަދި އެކަށީގެންވާ ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކުރެވިފައި އޮތީ ރާއްޖޭގެ ކޮން ދިމާލެއްގައިތޯ މިއީ އުފައްދަން ރަނގަޅު ސުވާލެކެވެ. 21 ވަނަ ގަރުނު އަދި 2025 ވަނަ އަހަރު ކަޑަތު ކުރަމުންދާއިރު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ނުވެ އޮތީ ކީއްވެކަން މިއީވެސް އުފައްދަން ރަނގަޅު ސުވާލެކެވެ. ރައްޔިތުންގެ މަސައްކަތްތައް ކޮށްދޭން ރައްޔިތުން ހޮވާ ވެރިއަކު މީގެން ކަމަކަށް އިޖާބަ ނުދެނީ ނުވަތަ ރައްޔިތުންގެ އަސާސީ ހައްގުތަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓަނީ ކީއްވެތޯ މިއީ މިއަދު ކޮންމެ ރައްޔިތަކު އަހަން މަޖުބޫރު ސުވާލެވެ.

ކެބިނެޓުގައި ތިއްބަވާ ވަޒީރުން ފެށިގެން ދައުލަތުގެ މުވައްސަސާތަކުގައި ތިބެން ވެރިންގެ ހާލަތު ވަރަށްވެސް ޗާލެވެ. ބޮޑެތި އެޕާޓުމެންޓުތަކާއި އަދި ކާރާއި ސައިކަލާއި މިހުރިހާ ވަސީލަތެއް އެމީހުންނަށް ބަރާބަރަށް ލިބެއެވެ. އެހެންނަމަވެސް ހަމަ އެ މުވައްސަސާތަކުގައި މަސައްކަތް ކުރާ އެންމެ އާދައިގެން މުވައްޒަފެއްގެ މުސާރައަކީ ވެރިން ހަފްތާއަކަށް ހޭދަކޮށްލާ އަދަދެވެ.

ގައުމެއް ކުރި އެރުމުގައި ހަމައެކަނި ބޭނުންވަނީ އެތަނެއްގައި ދިރިއުޅޭ ވެރިން ކުރިއެރުމެއް ނޫނެވެ. ގައުމުގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވާން ޖެހެއެވެ. ގައުމުގައި ދިރިއުޅޭ މުވައްސަސާ ތަކުގެ ވެރިން ކަމުގައި ވީނަމަވެސް އަދި އާއްމު ރައްޔިތުމީހާ ކަމުގައި ވީނަމަވެސް ގާނޫނުއަސާސީގެ ކުރިމަތީގައި އެންމެންވެސް އެއްވަރެވެ. އެހެންކަމަށްވާނަމަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މި ތަފާތު އޮންނަންވީ ކީއްވެހެއްޔެވެ؟

ރާއްޖެގައި ކަންކަން ބޮއްސުންލައިގެން ދަނީ އެންމެ ސަބަބަކާއި ހުރެއެވެ. ކުރާ މަަސައްކަތުގައި އިހުލާސްތެރިކަމެއް ނެތުމުންނެވެ. މިއީ ވަރަށް އާދައިގެ ބަހަކަށް ވީނަމަވެސް، އިހުލާސްތެރިކަން ނެތި ބޮޑެތި ކޮރަޕްޝަންތައް ހިންގައިފައި އެބަހުއްޓެވެ. ބޮޑެތި ވައްކަންތައް ދައުލަތުގެ މުވައްސަސާގެ ތެރޭގައި ހިނގައިފައި އެބައޮތެވެ. ނުފޫޒާއި ބާރުގެ ބޭނުންކޮށްފައި އެބަހުއްޓެވެ. އަދި މިހުރިހާ މައްސަލަތައް ބަލަން އޮންނަ ”މިނިވަން މުސްތަގިއްލު“ މުވައްސަސާތައް އޮތީ ޕެރެލައިޒްވެ ފެއިލްވެފައެވެ.

ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު މިދިޔައަހަރު ”ކޮރަޕްޝަން އިންޑެކްސް“ ގައި ރާއްޖެ ދިޔައީ އެއް ދަރަޖަ ދަށަށްށެވެ. ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) އިން ރާއްޖެއިން ނިމިދިޔަ 2024 ވަނަ އަހަރު 1 ޕޮއިންޓް ދަށްވެ ދިވެހިރާއްޖެ ވަނީ 39 ޕޮއިންޓުން 38 ޕޮއިންޓަށް ވެއްޓިފައެވެ. މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ. ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި މުޅިއެކު ދައުލަތް ހިންގުމުގައި ނަޒާހާތްތެރިކަން ނެތްކަން މީގެން ވަރަށް ރަނގަޅަށްސާފުވެގެން ދެއެވެ.

2020 އަށް ހިފި އެންމެ ބޮޑެތި އަމާޒު ތަކުގެ ތެރޭގައި އިގްތިސާދީ ފުރުސަތު ފުޅާކޮށް، ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް އިގްތިސާދީ ނަފާ ލިބުން ހިމެނެއެވެ. އެހެންނަމަވެސް އިގްތިސޯދީ ދާއިރާގެ ވަޒީފާ، ވިޔަފާރި އަދި ދަނޑުވެރިކަމުގެ ދާއިރާތަކުން ކާމިޔާބީއެއް ލިބިފައެއް ނެތެއެވެ. އަދި ދިވެހި މުޖުތަމައަކީ އަދާކުރާނެ ވަޒީފާއެއް ނެތް މީހުން ނުވަތަ ދިރިއުޅުމަށް ކުރާނެ މަސައްކަތެއް ނެތް މީހުން އެއްގޮތަކަށް ވެސް ނެތް މުޖުތަމައަކަށް ވާނެ ކަމަށް ބުނެ ހިދފި އަމާޒު އަދިވެސް އޮތީ ހަމަ އެގޮތުގައެވެ.

އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގުމަކީވެސް ގައުމަކަށް ވަރަށް މުހިންމު ކަމެވެ. އަދި ޓެކްނޮލޮޖީގެ ދުނިޔޭގައި އަންނަ ބަދަލުތަކާއި އެއްވަރަށް ފައިހަމަ ކުރަމުން ދިއުމަކީވެސް ވަރަށް މުހިންމު ކެމެކެވެ. އެހެންނަމަވެސް އެމިހުރިހާ ކަމެއްގެ ތެރެއިންވެސް ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހިޔަނި އެޅޭހެން މަސައްކަތް ކުރުމަކީ ތަރައްގީއެއް ނޫނެވެ. ތަރައްގީގެ މަގުގައި ހިނގާ ބަޔަކަށް ގައުމުގެ ރައްޔިތުން މުހިންމު ނުވެ ނުދާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: